ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކުށް މަދުކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން އއ. އުކުޅަހުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "އަމާން މުޖުތަމައު" ސިޔާސަތު ވަނީ އިފުތިތާހުކޮށްފައެވެ. މިއީ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން އިފުތިތާހު ކުރި ތިންވަނަ ސިޔާސަތެވެ.
އަމާން މުޖުތަމައުގެ ބައިގައި ހިމެނެނީ މައިގަނޑު ތިން ކަމެކެވެ. އެއީ ކުށުގެ ވެށިން ދުރުކުރުމާއި ކުށުގެ ވެއްޓަށް ފާރަވެރިވުމާއި ކުށަށް ޒިންމާނެގުމާ އެކު ފަރުވާއެވެ.
ކުށުގެ ވެށިން ދުރުކުރުމުގެ ބައިގައި ކުރިއަށް ރާވާފައި ހުރި ކަންކަމުގެ ތެރެއިން އެންމެ މުހިންމު ކަމަކީ ގުޅުން ހުރި އިދާރާތައް އެކުލެވޭހެން އިންޓަ-އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާ ކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލުމާއި ކުށުގެ ވެށިން ދުރުކުރުމަށާއި ކުށުގެ ވެއްޓަށް ފާރަވެރިވުމަށް ހަރަކާތްތެރިވާ އިދާރާތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް، ޕްރޮގްރާމްތައް ސްޓްރީމްލައިންކޮށް، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކުށް މަދުކުރުމެވެ.
- އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) އަށް ބޭނުންވާނެ ވަސީލަތްތައް ފުރިހަމަކޮށް، އިބަމަ މެދުވެރިކޮށް މުޖުތަމައުގައި ދިރިއުޅޭ އެންމެންގެ ހާލަތު ދެނެގަނެ، އޭގެ މައްޗަށް އިދާރާތައް ގުޅިގެން ވިޔަނުދިނުމާ (ޕްރިވެންޓިވް) އަދި އިޖާބަދިނުމުގެ (ރެސްޕޮންސް) ގެ މަސައްކަތްތައް ފުޅާކުރުމާއި އިބަމައާއި އަވައްޓެރި ފުލުހުންގެ ހިދުމަތްފަދަ އިންތިޒާމުތައް ގުޅުވާލާ، އިޖްތިމާއީ ފެންވަރުގައި މައްސަލަތަކަށް ހައްލުހޯދޭނެ އެކްޝަން ޕްލޭނެއް އެކުލަވާލާ ތަންފީޒުކުރުން
- ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާއި ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން
- ޔޫތް ވަޔަލަންސް، ފައިނޭންޝަލް ކްރައިމްސް، އިންޓަރނެޓް-ބޭސްޑް ކްރައިމްސް، ސްކޭމް ކޯލްސް ފަދަ އިމާޖިންގް ކްރައިމްސްއަށް ހައްލު ހޯދުމުގައި ހުރިހާ އިދާރާއަކުންވެސް ގުޅިގެން އަމަލުކުރާނެ ސިޔާސަތުތައް ތަންފީޒުކުރުން
- ކުށް މަދުކުރުމަށްޓަކައި ކުށަށް ހުށަހެޅޭ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް މެދުވެރިވާ މައްސަލައަށް އިދާރާތައް ގުޅިގެން އާއިލީ ވިސްނުމަކުން ވިސްނާ ކޭސްވޯކް ކުރެވޭނެގޮތަށް މަލްޓިސްޓޭކްހޯލްޑަރު ޑިޖިޓައިޒްޑް ނިޒާމެއް ގާއިމުކުރުން
- ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާކުރުން މީގެ ތެރޭގައި ޑްރަގް ޓްރެފިކިންގް މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަ އިސްކަމެއްދިނުން
- ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ނުވަތަ ހުށަހެޅޭ ފަރާތްތަކާމެދު، ހާއްސަކޮށް 16 އަހަރުން ދަށުގެ ކުދިންނަށް އަދި ޒުވާނުންނަށް އެހީތެރިވުމަށް ޗައިލްޑް-ޕްރޮޓެކްޝަން އަދި ފެމިލީ-ސެންޓަރޑް އެޕްރޯޗް ބޭނުންކުރުން
- ޓާގެޓެޑް އިންޓަވެންޝަން އެންޑް ސަޕޯޓް މެކޭނިޒަމްގެ ތެރެއިން ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަނެ، ކައުންސެލިން، މެންޓަރިން އަދި ވޮކޭޝަނަލް ޓްރެއިނިން ފަދަ އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގުން.
ޚަބަރު
ޚަބަރު
ޚަބަރު