ވ. އާރަށުގެ މައްސަލައިގެ ތަހުގީގުގައި ހަނު ހުންނެވީ، ފުލުހުންގެ ހެރެސްމެންޓް ބޮޑުވެގެން ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، ވ. އާރަށް ކުއްޔަށް ދިން މުއާމަލާތުގައި ރިޝްވަރު ގަބޫލު ކުރުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާއި އެ މުއާމަލާތުގައި، ޔާމީނަށް ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުމުގައެވެ.
ހައިކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އާރަށު މައްސަލަ އާއި ފުއްގިރި މައްސަލައިގެ ތަހުގީގުގެ ކުރީކޮޅު ފުލުހުންނަށް އެއްބާރުލުން ދެއްވި ކަމަށެވެ. ނަމަވެސް އެ މައްސަލަތަކުގައި ފުލުހުންނަށް ދެއްވި ބަޔާން ބަދަލުކޮށްގެން ގެންނަން ފެށުމުން އެމަނިކުފާނުގެ ދިފާއުގައި ވާހަކަ ދައްކަވާނީ ޝަރީއަތުގެ މަޖިލީހުގައި ކަމަށް ފުލުހުންނަށް ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
"ފުއްގިރީގެ މައްސަލައިގައި ފަސް ހަ ފަހަރު އެއް ބަޔާނެއް ތަފާތު ކޮށްފައި ގެނައީމަ އަޅުގަނޑު ފުލުހުންނަށް ދަންނަވަމުން ގެންދިޔައީ، ތި ކުރައްވަނީ ހެރެސްއޭ، ހުރިހާ ފުލުހުންގެ ލޮގްތަކުގައި މި ވާހަކަ އޮންނާނެ،"
އޭގެ ފަހުން ތަހުގީގުގައި އިތުރަށް ކުރި ސުވާލުތަކާ ގުޅިގެން، ދިފާއުގައި ޖަވާބު ދެއްވާނީ ޝަރީއަތުގެ މަޖިލީހުގައި ކަމަށް ފުލުހުންނަށް ދެންނެވި ކަމަށާއި އޭރު ހަނު ހުންނެވީ ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ދެން އިތުރަށް ކުރައްވާ ސުވާލެއް އާރަށާ ބެހެގޮތުންވެސް އަޅުގަނޑު ދެންނެވިން ތި ކުރައްވާ ސުވާލަކަށް އަޅުގަނޑުގެ ދިފާއަށް އަޅުގަނޑު ޖަވާބު ދޭނީ ޝަރީއަތުގެ މަޖިލީހުގައޭ. އެބޭފުޅުން ކަންތައް ކުރެއްވި ގޮތަކީ އެއީ ކަނޑައެޅިގެން ލޮގްތަކުގައި އެވާހަކަ އޮންނާނެ އަޅުގަނޑު ހަނު ހުންނަނީކީ ނޫނޭ، އެހެން ދަންނަވައިފައި މި ހެރެސްމެންޓް ބޮޑުވެގެން ދިޔައީމަ، މި ފެންނަން އޮންނާނެ ފުލުހުންގެ ރިޕޯޓުން،"
ޔާމީން ވިދާޅުވީ އެކަންތައް ބޮޑުވެގެން އެމަނިކުފާނުގެ ހުރިހާ ވަކީލުން އިސްތިއުފާވެސް ދެއްވި ކަމަށެވެ.
"އަޅުގަނޑުގެ ހުރިހާ ވަކީލުން އިސްތިއުފާ ދެއްވި، ދެން އަޅުގަނޑަށް ނަގަން ޖެހުނީ މިބޭފުޅުންނަށް ވުރެ ދެން ތަންކޮޅެއް އެހެން ފެންވަރެއްގެ ވަކީލުން،"
ނަމަވެސް ކުރިއަށް ދެވޭނެ އެއްވެސް މަގެއް ފުލުހުން ނުދެއްވި ކަމަށާއި އެކަމާ ގުޅިގެން ދެވަނަ މަރުހަލާގައި ހަނު ހުންނެވީ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު