ޚަބަރު

ނައީމު އާރަށް ހޯދަން އުޅުނު ކަމެއް ނޭނގެ، އެއީ ކެމްޕޭނަށް ފައިސާ ހޯދަން ހިންގި ޑޮލަރު މާރުކުރުމެއް: ޔާމީން

އިބްރާހިމް ޒަކީ

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީނަށް، ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެފައިވާ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް، އާރަށް ކުއްޔަށް ހޯދަން އުޅުނުކަން ކުރިން އެނގިވަޑައިގެންފައިނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ހައިކޯޓުގައި ކުރިއަށްދާ އާރަށު މައްސަލައިގެ މިއަދު ބޭއްވި އިސްފިއުނާފު އަޑުއެހުމުގައި ވާހަކަ ދައްކަވަމުންނެވެ.

ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވާ އިރު، ރިޝްވަރު ގަބޫލު ކުރުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

މި ދެ ބޭފުޅުންގެ ހުކުމްގެ އިސްތިއުނާފު ވެސް ހައިކޯޓުގައި ކުރިއަށް ގެންދަނީ އެކުއެކީގައެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއުގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ ރަށްތަކާއި ފަޅުތައް ދޫކުރާއިރު، އެތަންތަން ދޫކުރަނީ އަދި އެތަންތަން ލިބެނީ ކޮން ބަޔަކަށްތޯ ރައީސް އޮފީހުން ނުބަލާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަނީ ޓޫރިޒަމް މިނިސްޓްރީން ކަމަށް ވެސް ވިދާޅުވިއެވެ.

ޓުއަރިޒަމްގެ ބޭނުމަށް ފަޅެއް ނުވަތަ ރަށެއް ވިޔަސް ބަދަލުކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ރައީސް އޮފީހަށް ސިޓީއެއް ވަދެގެން ކަމަށާއި އެ ސިޓީ ރައީސް އޮފީހަށް ވަދެފައިނުވާ ކަމަށްވެސް ޔަމީން ވިދާޅުވިއެވެ. އަދި ރައީސްއާ ހަމަޔަށް ގެންނަ މައްސަލަތަކަކީ އުސޫލީ ބޮޑެތި މައްސަލަތައް ކަމަށާއި އެހެން މައްސަލަތައް ފޮނުވާނީ ރައީސް އޮފީހަށް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މައްސަލަތަކުގެ ޖަވާބު ނުވަތަ އުސޫލު ރައީސް އޮފީހުން ފޮނުވާ އިރުވެސް ލިޔާނީ އަދި ރައީސް އޮފީހުން ނުކުންނަ ކޮންމެ ސިޓީއެއްގައި ވެސް ލިޔާނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ކަަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީއަށް، އާރަށް ބަދަލުކުރުމުގެ މައްސަލަ ލިއުނަސް އެއީ އޭގެ ޒާތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެނގިގެން ހިނގާފައި އޮންނަ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޔޫސުފް ނައީމްގެ ފަރާތުން ލިބިވަޑައިގަތް ފައިސާއަކީ ރިޝްވަތު ކަމަށް ދައުލަތުން ބުނާ އިރު، އެއީ ސިޔާސީ ކެމްޕެއިނަށް ފައިސާ ހޯދަން ހިންގެވި ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ. ޔޫސުފް ނައީމު އަތުން ޑޮލަރު ގަންނަން ޖެހުނީ އެހެން މީހުންގެ އަތުން ޑޮލަރު ނުލިބުމުން ކަމަށާއި ޔޫސުފް ނައީމު ހަމައެކަނި ކޮށްދެއްވި ކަމަކީ ހަމަ އަގުގައި ޑޮލަރު މާރުކޮށްދެއްވުން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އެއީ ސިޔާސީ ކަންކަމަށް ލިބިވަޑައިގަތް ފައިސާއެއް ނަމަ، އެ ފައިސާ ޖަމާ ކުރަންވާނީ ސިޔާސީ ޕާޓީގައި ހުޅުވާ ހާއްސަ އެކައުންޓަކަށް ކަމަށް ދައުލަތުން ބުނާ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ އެއީ ޕާޓިގެ ހާއްސަ އެކައުންޓަށް ޖަމާ ކުރަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ.

"ޕޮލިޓިކަލް ކެމްޕެއިންއަކީ ސިޔާސީ ޕާޓީއަކަށްވާން ލާޒިމެއް ނޫން، އެއީ ފަރުދަކަށް ކުރެވޭނެ ކެމްޕެއިނެއް. ރައީސްކަމުގެ މަގާމުގައި ހުންނަ މީހަކު ޕޮލިޓިކަލް ކެމްޕެއިން ކުރާނީ، އެހެންވީމަ ސިޔާސީ ޕާޓީގެ އެކައުންޓަކަށް އެފައިސާ ވަންނާކަށް ނުޖެހޭނެ، ސިޔާސީ ޕާޓީގެ އެކައުންޓުގައި ހުންނަ ފައިސާއަކުންނެއް ނޫން މި ޑޮލަރު ގަންފަ މިއޮތީކީ، ދެވަނަ ކަމަކީ އިންތިހާބާ ބެހޭ ހާއްސަ އެކައުންޓް ހުޅުވަން، މީކީ އިންތިހާބަކާ ގުޅިގެން ކޮށްފަ އޮތް ކަމެއް ނޫން. އޭރު އަދި އިންތިހާބެއް ނުވެސް އާދޭ. އެހެންވީމަ އިންތިހާބަކާ ގުޅިގެން ހުޅުވާ ހާއްސަ އެކައުންޓަކަށް މި ފައިސާ ވަންނަން ޖެހޭ ސަބަބެއް ނެތް. ސިޔާސީ ޕާޓީގެ އެކައުންޓަކަށްވެސް މި ފައިސާ ވަންނާކަށް ނުޖެހޭ. މިއީ އަޅުގަނޑުގެ އަމިއްލަ ފައިސާ، އަޅުގަނޑުގެ އަމިއްލަ ބޭނުމަށް އެއީ އަޅުގަނޑުގެ ސިޔާސީ ކެމްޕެއިން މަސައްކަތަށް. ސިޔާސީ ކެމްޕެއިން މަސައްކަތަކީ ވަރަށްފުޅާ އެއްޗެއް. ކެމްޕެއިން މަސައްކަތުގެ ތެރޭގައި އިންތިހާބަކާ ކުރިމަތިލައިގެން އުޅެންޏާ އިންތިހާބުގެ ވާހަކަ އަންނާނެ. ސިޔާސީ ޕާޓީއަކަށް ފައިސާ ދޭ ކަމަށްވަންޏާ ސިޔާސީ ޕާޓީ އެކައުންޓަށް ފައިސާ ވަންނާނީ. އެހެން ނޫން ކަމަށް ވަންޏާ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު އަދި ޕާޓީއާ ވަކިންވެސް އޭނަގެ އަމިއްލަ ހައިސިއްޔަތުން އޭނަގެ ސިޔާސީ އެތައް ބައިވަރު މަސައްކަތްތަކެއް ކުރާނެ،"

ޔާމީން ވިދާޅުވީ، އެ ފައިސާއާ ގުޅޭގޮތުން އެޗްއެސްބީސީއަށް އެމަނިކުފާނު ފޮނުއްވި ކަމަށް ބުނެ ދައުލަތުން ހުށަހެޅި ލިޔުމަކީ ސައްހަ ލިޔުމެއްކަން ކަށަވަރު ނުވާ ކަމަށެވެ.