ޚަބަރު

އާދަމް ހަލީމްގެ މަރު: ވަޅި ހެރީ ދައްތަ އާއި މާމަ ފޮޅާލާފައި ގޮސް ކަމަށް ސަމާހު ވަނީ އިއުތިރާފްވެފައި!

އިބްރާހިމް ޒަކީ

ޕޮލިސް ސާޖަންޓް ކ. ކާށިދޫ ކެތި އާދަމް ހަލީމްގެ ގަޔަށް ވަޅި ހެރީ ގަސްތުގައި ނޫން ކަމަށް އޭނާގެ ގާތިލް ކ. ކާށިދޫ/ ސުވާސާގެ، މުހައްމަދު ސަމާހު ބުނި ނަމަވެސް، އާދަމް ހަލީމްގެ ގަޔަށް ވަޅި ހެރީ، ސަމާހު ހުއްޓުވަން އޭނާގެ ދައްތަ އާއި މާމަ މަސައްކަތް ކުރުމުން އެ ދެ މީހުން ފޮޅާފައި ކޮސް ކަމަށް އިއުތިރާފްވެފައިވާ ކަމަށާއި އެހެންކަމުން އެއީ ގަސްތުގައި އޭނާކުރި ކަމެއްކަން ސާބިތުވާ ކަމަށް ދައުލަތުން ބުނެފިއެވެ.

ކ. ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލާފައިވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ހަލީމު މަރާލި ކަމަށް ކުށް ސާބިތުވެ ސަމާހު މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ. އަދި 30 ސެޕްޓެމްބަރު 2020 ގައި އެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.

ހައިކޯޓުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން، ސަމާހުގެ ފަރާތުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓިގައި އިސްތިއުނާފު ކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑު އެހުމުގައި އޮތީ، ސަމާހުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބުދާރީވުމެވެ.

އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދެއްވަމުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ މަރިޔަމް ޝަހުމާ ވިދާޅުވީ، އާދަމް ހަލީމު މަރުވީ، ވަޅިން ދިން ހަމަލާއިން ނޫން ކަމަށް ސަމާހުގެ ފަރާތުން ބުނާ އިރު، އާދަމް ހަލީމު މަރުވީ، އޭނާގެ ކޮނޑަށް ވަޅި ހެރުމުން، ފުއްޕާމެޔަށް އަނިޔާވެ އޭނާގެ ހަށިގަނޑުން ބައިވަރުލޭ ފޭބުމުގެ ސަބަބުން ޝޮކެއް ޖެހުމާއި، މޭގެ ތެރެއަށް ލޭ ފޭބުމުގެ ސަބަބުން ހިތާއި ސިގުނޑިއާ ފުއްޕާމެއަށް ގެއްލުންވެ ނޭވާލުން ހުއްޓިގެން ކަމަށް މަރުގެ ރިޕޯޓުން ދައްކާ ކަމަށެވެ.

އާދަމް ހަލީމް މަރައިލީ އޭނާ ކަމަށް، ސަމާހު ކުރިމިނަލް ކޯޓުގައި އިއުތިރާފްވެފައިވާ ކަމަށް ހައިކޯޓުން ބަލާފައި ވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް ލިބިދެވޭގޮތާ ހިލާފަށް ކަމަށް ބުނެ ސަމާހުގެ ފަރާތުން ފާހަގަ ކުރި ނުކުތާއާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ނުކުތާގައި މައިގަނޑު ގޮތެއްގައި ސަމާހުގެ ފަރާތުން ޖަދަލު ކުރަނީ، ގާނޫނު އަސާސީގައި ބުނާ ގޮތަށް، އޭނާއަށް ދައުވާ ސާފުކޮށްދެވިފައި ނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ހާދިސާގައި ކަން ހިނގިގޮތް ސަމާހަށް ސާފުކޮށްދިނުމުން، ދައުވާ ސާފުވެއްޖެތޯ، ކުރިމިނަލް ކޯޓިގެ ގާޒީ ސަމާހާ ސުވާލު ކުރެއްވި ކަމަށެވެ. އަދި ދައުވާއާ މެދު ހިތްހަމަޖެހޭ ކަމަށް އެ އަޑުއެހުމުގައި ސަމާހު ބުނި ކަމަށްވެސް ވިދާޅުވިއެވެ.

"ޖަވާބުގައި ބުނެފައި ވަނީ އާދެ އަޅުގަނޑުގެ މައްޗަށް ދައުލަތުން އެ ކުރެއްވި ދައުވާ އަޅުގަނޑަށް ރަނގަޅަށް ސާފުވެއްޖެ،" ކަމަށެވެ. އޭގެ ފަހުން ދައުވާ ސާފު ނުވެގެން އެއްވެސް އަޑުއެހުމެއްގައި ސަމާހު ވާހަކަ ދައްކާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އެއީ ފުލުހަކު މަރާލި މައްސަލައަކަށްވާތީ އެ މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް އަވަހަށް ކަމަށް ސަމާހުގެ ފަރާތުން ބުނާ އިރު، އެ މައްސަލަ ފަށާފައި ވަނީ ހާދިސާ ހިނގިތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.

"މިއީ އޭރު އާދައާ ހިލާފު ކަމެއް ނޫން، މަރުގެ މައްސަލަތަކުގައި ކުށަށް ތުހުމަތު ކުރެވޭ މީހާ ތަހުގީގު މަރުހަލާގައި އިއުތިރާފްވެފައިވާ ނަމަ އޭރު މައްސަލަތަކުގެ ދައުވާ ވަރަށް އަވަހަށް ކުރިމިނަލް ކޯޓަށް ހުށަހެޅެމުން ދިޔަ. އަދި ދައުވާ ހުށަހަޅާ ދުވަހު ނުވަތަ އެ ހަފުތާ ތެރޭގައިވެސް ޝަރީއަތް ކުރިއަށް ގެންގޮސްފައި އެބަހުރި. އެގޮތުން މި މައްސަލައިގެ އިތުރުން 2012 ވަނަ އަހަރުގެ ޖުލައި މަހުގައި ހިނގި މަރުގެ ހާދިސާއެއް އެ ހާދިސާގައި ދައުވާ ލިބުނު ފަރާތްތައް ކަމަށްވާ، އަހުމަދު މުއްރަތު އަދި ފާތުމަތު ހަނާ އެ ދެފަރާތުގެ މައްޗަށް، އެ ހާދިސާ ހިނގީ 1 ޖުލައި 2012ގައި 3 ޖުލައިގައި ދައުވާ އުފުލީ. ހަމަ އެދުވަހު ކުރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްދިޔަ. އޭގެ އިތުރަށް 2010 ވަނަ އަހަރު ހިނގި ހާދިސާއެއް، މަރުގެ މައްސަލެއް އެ މައްސަލައިގައި ދައުވާލިބުނު ފަރާތަކީ ހ. ބައިކެނޑިގެ މަރިޔަމް ނަޒާހާ އެ މައްސަލައިގެ ހާދިސާއަކީ 22 ޖޫންގައި ހިނގި ހާދިސާއެއް ތަހުގީގުގައި ނަޒާހާ ކުށަށް އިއުތިރާފްވެފައިވާތީ 23 ޖޫންގައި ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައި ހަމަ އެދުވަހު ޝަރީއަތުގެ އަޑުއެހުމެއްވެސް ބޭއްވި. އެހެންވީމަ ފުލުހަކު މަރާލައިގެން އޭނާގެ މައްޗަށް އާދަޔާ ހިލާފް އަވަސް ސްޕީޑްގައި މައްސަލަ ހުށަހަޅައިގެން ޝަރީއަތް ކުރިއަށް ގެންދިޔައީ ނޫންކަން އެނގޭ،"

ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަޖިލީހުގައި ސަމާހު ކުށަށް އިއުތިރާފްވެފައި ވަނީ ދިވެހިން ލިޔަން ކިޔަން ފަރިތަ ނޫން ހާލަތެއްގައި ހުރުމުން ކަމަށް ފާހަގަ ކުރި ނުކުތާގައި ދައުލަތުގެ ވަކީލު ވިދާޅުވީ، މިއަހަރުގެ މާޗް މަހު ކަރެކްޝަންސްގެ ބެލުމުގެ ދަށުން ދިވެހި ބޭސިކް ކޯހެއް ފުރިހަމަކޮށްފައިވާ ކަމަށް ސަމާހުގެ ފަރާތުން ސެޓްފިކެޓް ހުށަހަޅާފައިވި ނަމަވެސް އެފަދަ ކޯހެއް، ފުރިހަމަކުރުގެ މާނައަކީ އޭގެ ކުރިން އެއްވެސް ވަރަކަށް ދިވެހިން ލިޔަކިޔަން ނޭނގޭ ފަރާތެއް ކަމަށް ހިމެނޭނެ ކަމެއް ނޫން ކަމަށެވެ.

"ލިޔަކިޔަން ފަރިތަމީހެއްތޯ ބެލުމަށް އޭނާ ތަހުހީގަށް ދިން އޯޑިއޯ ބަޔާން ލިޔުމަށް ތިރިކޮށް، ކިޔަން ދިނުމުން ބަޔާން ކިޔާތަން ފެނޭ. ވަކި ހިސާބަކުން ބުނީ ފުލުހުންގެ ފަރާތުން ބަޔާން އިއްވަދިނުމަށް. ދެން ސުވާލު ކުރީ ލިޔަން ކިޔަން އެނގޭތޯ. އެކަން ޔަގީންކުރަން ދެވަނަ ފަހަރު، ޔަގީންތޯ ސުވާލު ކުރުމުންވެސް ބުނި އެނގެއޭ. އޭގެ ފަހުން އިތުރަށް ޔަގީން ކުރަން ޕޭޖެއްދީފައި ޕެރެގްރާފެއް ކިޔާށޭ ބުނުމުން އެ ޕެރަގްރާފް ކި،"

ޝަރުއީ ގޮތުން އެ މައްޗަށް ބަރޯސާ ވެވޭވަރުގެ ސާފު އިއުތިރާފެއް އެބައޮތްތޯ ފާހަގަކުރާ ނުކުތާއަށް ބަލާއިރު، ދަށު ކޯޓުގައި ދައުވާއަށް ޖަވާބުދާރީވަމުން ސަމާހު ދައްކާފައިވާ ވާހަކަތަކުން، ކުށުގެ އަމަކު ހިންގި ކަމަށް އެއްބަސްވެފައިވާ ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން އެއީ އޭނާގެ އަތުން ހިނގައި ދިޔަ ކަމެއް ކަމަށް ބުނެ ޝަރީއަތުގައި އޭނާ އެކަން އިތުރަށް ތަފްސީލްކޮށްދީފައިވާ ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ގޭބަންދުގައި ހުއްޓައި އޭނާ ގެއިން ނުކުތް މައްސަލައިގައި، އޭނާ ބަލައި އާދަމް ހަލީމް އައީ މަސްތުގެ ހާލަތުގައި ގެއިން ބޭރުގައި ހުއްޓައި ކަމަށާއި އާދަމް ހަލީމް ފެނުމުން ގޭތެރެއަށް ވަދެ، އާދަމް ހަލީމަށް ބިރު ދައްކަން ވަޅި ހިފައިގެން އައީ ގަސްތުގައި މީހަކު މެރުމުގެ ނިޔަތެއްގައި ނޫން ކަމަށެވެ. ނަމަވެސް، އެވަގުތު މަސްތުގެ ހާލުގައި ހުރުމުން އާދަމް ހަލީމްގެ ގަޔަށް ވަޅި ހެރި އެ ވަޅިން އޭނައަށް ހަމަލާ ދެވިފައިވާ ކަމަށާއި އެއީ އޭނާ އަތުން ހިނގާފައިވާ ކަމެއް ކަމަށް ސަމާހު ދެފަހަރެއްގެ މަތިން އެއްބަސްވެފައިވާ ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ފަހަރު އެއްބަސްވެފައި ވަނީ ޝަރީއަތުގެ މަޖިލީހުގައި ކަމަށްވެސް ވިދާޅުވިއެވެ.

ވަޅިއެއް ނަގައިގެން ދިޔައީ ބިރު ދެއްކުމަަށް ކަމަށް ސަމާހު ބުނާ އިރު، ބިރު ދެއްކުމަށް އެނޫންވެސް އެއްޗެއް ނެގިދާނެ ކަމަށާއި އަދި ވަޅި ހެރުމުގެ ބަދަލުގައި ބިރު ދެއްވުމުގެ ގޮތުން އެތަނުން ދިއުމަށް އާދަމް ހަލީމްއަށް އެންގުނީސް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

"ސަމާހު އިއުތިރާފަށް ދީފައިވާ ބަޔާނުގައިވާ ކަންތައްތަކަށް ބަލާ އިރު، ވަޅި ނަގައިގެން ނިޔާވި ފަރާތް (އާދަމް ހަލީމް) އާ ދިމާލަށް ދާން އުޅުމުން ސަމާހުގެ ދައްތަ ފުރަތަމަ ހުއްޓުވަން މަސައްކަތް ކުރީމަ، މުހައްމަދު ސަމާހު ބަޔާންކުރީ، ދައްތަ ފޮޅާލާފައި ދިޔައީ ކަމަށް ކުރިއަށް. އެއަށްފަހު ސަމާހުގެ މާމަ ހުއްޓުވަން މަސައްކަތް ކުރީމަ މާމަވެސް ފޮޅާލާފައި ހަމަ އާދަމް ހަލީމާ ދިމާލަށް ކަމަށް ދިޔައީ ދިޔަ ގޮތަށް ގޮސް، ސަމާހު ތަހުގީގަށް ދީފައިވާ އިއުތިރާފްގެ ބަޔާނުގައި ބަޔާން ކުރާގޮތުން، ވަޅި ހޫރާލީ އެއްވެސް ނޫން، ދިޔަގޮތަށް ގޮސް އާދަމް ހަލީމްގެ ކޮނޑާ ދިމާލަށް ވަޅިން ހަމަލާ ދިނީ، ވަޅިން ހަމަލާ ދީފައިވާގޮތަށް ބަލާއިރު، ހުށަހަޅާފައިވާ މެޑިކަން ލިޔެކިޔުންތަކުންވެސް އަދި ސީންގެ ފޮޓޯތަކުންވެސް އެނގިގެންދާނެ، ގާތްގަނޑަކަށް ހަތަރުވަރަކަށް އިންޗި ތިލައިގެ ދިގުމިނުގައި ހުރި ވަޅިއެއް، ވަޅީގެ ފުންމިނަށް ވަޅި ހަރާލާފައިވަނީ، ވަޅި އެޅުނީކީ އެއް ނޫން ކުޑަކޮށް ހަރާލެވުނީކީ އެއްވެސް ނޫން ފުންމިނަށް ވަޅީގެ ތިލައިގެ ފުންމިނަށް ވަޅި ހަރާލާފައިވަނީ،"

އެހެންވީމަ މިއީ ގަސްތުގައި ކުރި އަމަލެއްކަން ސާބިތުވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ސަމާހުގެ ދިފާއުން ފާހަގަކޮށްފައިވާ އެހެން ނުކުތާތަކަށްވެސް ދައުލަތުން ވަނީ ޖަވާބުދާރީވެފައެވެ. އެހެންކަމުން ސަމާހު މެރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށް، ހައިކޯޓުން ތާއީދު ކޮށްފައިވާގޮތަށް އެހުކުމް ދަމަހައްޓައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނެވެ. މި މައްސަލައިގެ މިއަދުގެ އަޑުއެހުން ފަނޑިޔާރު ނިންމައިލެއްވީ، ދެން އޮންނަ އަޑުއެގުމެއްގައި ދިފާއުގައި ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވުމަށް ދެއްވުމަށެވެ.