ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސްރޫއުގެ 46 ޕަސެންޓް ނިމިއްޖެއެވެ.

އެމަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އެ ރަށުގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 97 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 3,245 ކިއުބިކް މީޓަރު ސަރަހައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 362 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 312 މީޓަރު ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 1509 އަކަ މީޓަރު ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމުގެ އިތުރުން އެ ރަށުގެ ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ އަގަކީ 56.33 މިލިއަން ރުފިޔާއެވެ.