• އއ. ރަސްދޫއިން އަލީ ރިފްޝާން

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އޮންނަވަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ނަމަވެސް ޝަރުއީ ދާއިރާގެ ތެރެއަށް އަތްބާނަން މަޖުބޫރުކުރިވިޔަސް، އެކަން ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މި ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ އިދިކޮޅުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ޔާމީން ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުން ކަމަށާއި ނަމަވެސް ޝަރުއީ މަރުހަލާތައް ނުނިމެނީސް، ގާނޫނީ ހަމަތަކުގެ މަތިންވެސް ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

"އެ ބޭފުޅުންނަށް މައްސަލައަކަށް ވެފައިވަނީ އެ ބޭފުޅުންގެ ލީޑަރު ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހުން. އަޅުގަނޑުމެންވެސް ކަންބޮޑުވޭ. އެކަމަކު ޝަރީއަތުގެ މަރުހަލާ ނުނިމެނީސް އަޅުގަނޑުމެންނަށް ގޮތެއް ނުނިންމޭނެ. ކަމެއް ކުރެވޭނީ ޝަރުއީ މަރުހަލާ ނިމި، ގާނޫނީ އިމުގެ ތެރެއިން. އަޅުގަނޑަށް މަޖުބޫރުކުރުވިޔަސް، ޝަރުއީ ދާއިރާގެ ތެރެއަށް އަތެއް ނުބާނާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މިނިވަންކަމާ އެކު ޝަރީއަތް ހިންގުމުގެ ބާރު ދޫކޮށްލާފައިވާނެ ކަމަށާއި މިނިވަން މުއައްސަސާތައް ބޭނުންވާ ނަމަ، ސަރުކާރާ ދެކޮޅަށްވެސް ބަސްބުނުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށެވެ. އަދި ހިޔާލުތަފާތުވުންތަކުގެ ތެރެއިން އެމްޑީޕީ ދޫކޮށްދިޔަ މެންބަރުންވެސް އެނބުރި ޕާޓީއާ ގުޅުމަށް ރައީސް ވަނީ ދައުވަތު ދެއްވައިފައެވެ.

"ހިޔާލުތަފާތުވުންތަކުގެ ތެރެއިން ބައެއް މެންބަރުން ވަނީ ޕާޓީއާ ދުރަށް ޖެހިވަޑައިގެންފައި. އެއީ ޕާޓީއެއްގައި ހިނގާނެ ކަންކަން. ނަމަވެސް އެއީ އަޅުގަނޑުމެން ކުރި ދަތުރުގެ ބައިވެރިން. ހިތާމަވެރި، ވޭނުގައި ދުވަސްތަކެއް ހޭދަކުރި މެންބަރުން. ޕީޕީއެމަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ވެގެންދާނެ ގޮތް އެ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުގެ އިލްތިމާސަކީ ސިޔާސީ ހިޔާލުތަފާތުވުންތައް އެކަހެރިކޮށް، ވިސްނަވާފައި ވޯޓުދެއްވުމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިދިކޮޅުންވެސް އަޑުއުފުލަންވާނެ ކަމަށާއި ނަމަވެސް ކަންކަން ކުރަން އުސޫލުތަކެއް ހުންނާނެ ކަމަށެވެ. އަދި އިދިކޮޅުން ގޮވަމުންދަނީ އަބަދުވެސް މީހުން ޖަލަށްލާން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.