މެންޗެސްޓާ ސިޓީގެ ކެޕްޓަން، ބެލްޖިއަމްގެ ކެވިން ޑި ބްރޭނާގެ ފަލަމަސްގަނޑަށް ސީރިއަސް އަނިޔާއެއްވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
އުމުރުން 32 އަހަރުގެ ޑި ބްރޭނާގެ ފަލަމަސްގަނޑަށް އަނިޔާވެފައި ވަނީ ސިޓީން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައެވެ. އެ މެޗުގެ 23 ވަނަ މިނެޓުގައި ޑި ބްރޭނާއަށް އަނިޔާވެގެން ބާލަން ޖެހިފައިވާ އިރު، ކޯޗު ޕެޕް ގާޑިއޯލާ މިއަދު ބުނީ ޑި ބްރޭނާ ފަލަމަސްގަނޑުގެ ސާޖަރީއެއް ހަދަން ޖެހިދާނެ ކަމަށެވެ.
"ޑި ބްރޭނާގެ އަނިޔާ ސީރިއަސް. ސާޖަރީއެއް ހަދާނެ ކަމެއް އަދި ޔަގީނެއް ނުވޭ. އެކަމަށް ޖެހޭނީ އެންމެން ވާހަކަ ދައްކައިގެން ގޮތެއް ނިންމަން. އަންނަ ހަފުތާގައި ސާޖަރީއާ ދޭތެރޭ ވަކި ގޮތެއް ނިންމާނީ. ކޮންމެ ހާލަތެއްގައިވެސް ޑި ބްރޭނާއަށް ހަތަރު ވަރަކަށް މަސް ދުވަހުގެ ކުޅުން ގެއްލޭނެ،" ގާޑިއޯލާ ބުންޏެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ މިލާނާ ދެކޮޅަށް ސިޓީން ކުޅުނު މެޗުގައިވެސް ޑި ބްރޭނާއަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ. އެ މެޗުގައިވެސް ޑި ބްރޭނާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ އިރު، ގާޑިއޯލާ ބުނީ ޑި ބްރޭނާއަށް މިފަހަރުވެސް ކުރިމަތިވީ ހަމަ އެ ފަލަމަސްގަނޑުގެ އަނިޔާ ކަމަށެވެ. ޑި ބްރޭނާއަށް އެފަހަރު އަނިޔާވުމާ އެކު ސިޓީގެ ހުރިހާ ޕްރީ ސީޒަން މެޗެއްވެސް އޭނާއަށް ގެއްލިފައިވާ އިރު، ސީޒަން ފަށަން އާސެނަލާ ދެކޮޅަށް ކުޅުނު ޝީލްޑް މެޗުގައިވެސް ކުޅެން ނުކުތީ ބެންޗުންނެވެ.
ގާޑިއޯލާ ބުނީ ޑި ބްރޭނާގެ ފަލަމަސްގަނޑުގައި ކޮންމެވެސް ވަރެއްގެ ތަދެއް ހުންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި އޭނާ މެޗުތަކުގައި ކުޅުވަނީ ފިޒިއޯ އާއި ޑޮކްޓަރުގެ ފުރިހަމަ ލަފާ ހޯދައި، އެކަމަށް އެއްބަސްވެގެން ކަމަށެވެ. އަދި މެޗުތަކުގެ ކުރިން ނަގަން ޖެހޭ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްވެސް ނަގާފައިވާނެ ކަމަށް ގާޑިއޯލާ ފާހަގަ ކުރިއެވެ.
މިދިޔަ ސީޒަނުގައި ޑި ބްރޭނާ ވަނީ ސިޓީއާ އެކު ތިން ތަށި ކާމިޔާބުކޮށްފައެވެ. އޭނާވެފައި ވަނީ ސިޓީން ހޯދި ކާމިޔާބީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާގެ ވެސް ގޮތުގައެވެ. އެގޮތުން ޑި ބްރޭނާ ވަނީ މިދިޔަ ސީޒަނުގައި 10 ގޯލު ޖަހައި 31 އެސިސްޓް ފުރިހަމަ ކޮށްފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު