ފްރާންސް ޑިފެންޑަރު ރަފޭލް ވަރާން ޖެހި ގޯލާއެކު ވުލްވްސް ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަނުގެ ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗު 1-0 އިން ނިމިގެން ގޮސްފައިވާ އިރު، ޔުނައިޓެޑުން ރޭގެ މެޗަށް އަލަށް އެޓީމަށް ގެންދިޔަ ގޯލްކީޕަރު އަންދްރޭ އޮނާނާއާއި ޗެލްސީން ގެންދިޔަ މިޑްފީލްޑަރު މޭސަން މައުންޓް ނެރެފައިވެއެވެ.
މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް މަދު ހަމަލާތަކެއް ފެނިގެން ގޮސްފައިވާ އިރު، ލީޑު ނެގުމާ ގާތަށް ޖެހިލީ ވުލްވްސްއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕަބްލޯ ސަރާބިއާގެ ހަމަލާ ގޯލުގެ އަރިމަތިން ކައިރިން ބޭރަށް ދިޔަ އިރު، ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ވުލްވްސްއިން ނިންމާލީ މެޗުގެ ކޮންޓްރޯލް ހޯދައިގެންނެވެ.
ދެވަނަ ހާފުގައިވެސް ބޮޑަށް ނުރައްކާކޮށް ފެނުނީ ވުލްވްސްއިންނެވެ. މަތެއުސް ކޫންޔާ ހާފުގެ ކުރީކޮޅުގައި ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، އޭގެ އިރުކޮޅެއްފަހުން އޭނާ ފޮނުވާލި ބޯޅަ މަތަކުރީ ޔުނައިޓެޑްގެ ގޯލްކީޕަރު އޮނާނާއެވެ. އަދި އޭގެ ފަހުން ޕެޑްރޯ ނެޓޯއާއި ފަބިއޯ ސިލްވާ ފޮނުވާލި ހަމަލާތައްވެސް މަތަކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ އޮނާނާއެވެ.
ރަނގަޅަށް ކުޅެމުންދިޔަ ވުލްވްސް ކައިރިން ޔުނައިޓެޑް ލީޑު ނެގީ 76 ވަނަ މިނެޓުގައި އެރޮން ވެން-ބިސާކާ އަރިމަތިން ނަގައިދިން ހުރަހަށް އަރައި، ބޮލުން ބޯޅަ ގޯލަށް ވައްދާލީ ރަފޭލް ވަރާންއެވެ.
މެޗުގެ ފަހު މިނެޓްކޮޅު ފެނުނީ ޑްރާމާ ބޮޑުކޮށެވެ. ޔުނައިޓެޑް ގޯލްކީޕަރު އޮނާނާ، ހުރަހަކަށް ކުރިއަށް ޖެހި އޭރިއާ ތެރެއިން ވުލްވްސް ސާސާ ކަލަޒިޗް އަށް ޗާޖު ކުރުމުން އެއީ ޕެނަލްޓީއެއް ކަމަށް ބުނެ ވުލްވްސްއިން ވަރަށް ބޮޑަށް ޝަކުވާ ކުރިއެވެ. އެހެން ނަމަވެސް، ވީއޭއާރް ބަލައި މެޗުގެ ރެފްރީ ނިންމީ ފައުލެއް ނޫން ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް