ވެރިކަމަށް ވަޑައިގެން ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓު ހިލޭ ހެދޭނެ ގޮތަށް ނިޒާމު ގާއިމުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތެލެސީމިއާ ކުދިންގެ ތެރެއިން ޑޯނަރުން ހަމަޖެހި ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން 2015 އަހަރު 34 ކުއްޖަކު ހޮވި ނަމަވެސް، އޭގެ ތެރެއިން ބެޗުތަކަށް ބަހާލައިގެން އިންޑިއާ އާއި ސްރީލަންކާއަށް ފޮނުވައި ބޯންމެރޯ ފުރިހަމަކުރެވުނީ 19 ކުއްޖަކަށެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އުތުރުގެ ރަށްތަކަށް މުއިއްޒު ކުރައްވާ ދަތުރުގެ ތެރެއިން ހއ. އުތީމަށް ވަޑައިގެން މިއަދު މެންދުރު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސިއްހީ ނިޒާމުގެ ތެރެއިން ކުރަން ޖެހޭ ކަންކަމަކީ ވަރަށްވެސް އިސްކަން ދޭންޖެހޭ ކަމެއް ކަމަށާއި ރާއްޖޭގައި ތެލަސީމިއާ ކުދިންގެ ނިސްބަތް ގިނަ ކަމަށެވެ.
"އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ޒަކާތު ފަންޑުގެ ތެރެއިން ބޯންމެރޯ ޓްރީޓްމަންޓުގެ މަސައްކަތްކޮށްދެއްވި. އެހެންނަމަވެސް ވަރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ނިޒާމުގެ ތެރެއިން ކުރެވޭ ކަމަކަށް އެކަން ވާން ޖެހޭ. އެހެންވީމާ މި ރަށުގައި ހުރި ކުއްޖާ އާއި، މުޅި ރާއްޖޭގައި ވެސް ނިޒާމުގެ ތެރެއިން އިރާދަކުރެއްވިއްޔާ ބޯންމެރޯ ޓްރާންސްޕްލާންޓުގެ މަސައްކަތް ސަރުކާރުން ހިލޭ ކޮށްދެވޭނެ ނިޒާމު އަޅުގަނޑުމެން ގާއިމުކޮށްދޭނަން،" އޭނާ ވިދާޅުވިއެވެ.
މުއިއްޒުގެ ސަރުކާރެއްގައި އުތީމަށް ކޮށްދެއްވާނެ ކަންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ރަށަކީ ދައުލަތުގެ ވެރިންނާއި އިއްޒަތްތެރިންނާއި އަދި ބޭރު މީހުން ވެސް ޒިޔާރަތްކުރާ ރަށަކަށްވާތީ، ސްޓޭޓް ހައުސްއެއްގެ ގޮތަށް ނުވަތަ ރަށްވެހި ގެއެއްގެ ގޮތަށް ހެދިފައި ހުންނަ ބިނާއެއް ހުރުމަކީ ރަނގަޅު ކަމެއް ކަމަށާއި އެކަމަށް ރައްޔިތުން އެދޭ ނަމަ، އެކަން ކޮށްދެއްވާނެ ކަމަށެވެ.
"ވަރަށް އަސާސީ ކަމެއް އޭޓީއެމްއެއް ހުރުމަކީ. މި ރަށުގައި އޭޓީއެމްގެ ހިދުމަތް ގާއިމުވެގެން ދިއުމަކީ އަޅުގަނޑު ހިތުން ގިނަ ބަޔަކު ޒިޔާރަތްކުރާތީއާއެކު ހުންނަން ޖެހޭ ކަމެއް. އެހެންވީމާ އިރާދަކުރެއްވިއްޔާ އޭޓީއެމްގެ ހިދުމަތް ވެސް ގާއިމުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. މައި މަގުތަކަކީ މިފަދަ މުހިންމު ރަށެއްގައި ކޮންމެހެން ހެދިފައި ހުންނަން ޖެހޭނެ ރަށެއް، އެހެންވީމާ އިރާދަކުރެއްވިއްޔާ މައި މަގުތައް ހެދުމުގެ މަސައްކަތްކުރެވިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރު ހަވާލުކޮށްފިއްޔާ އުތީމު ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށާއި ބަނދަރުގެ މައްސަލައާއި ރަށް ގިރިމުގެ މައްސަލަ އަދި ގެދޮރުގެ މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު