ރެއާލް މެޑްރިޑް

ރެއާލްގެ މިލިޓާއޯއަށްވެސް ބޮޑު އަނިޔާއެއް، ރިހޭ ފައިމައްޗަށްފޮއި!

ރެއާލް މެޑްރިޑްގެ ބްރެޒިލް ޑިފެންޑަރު އެޑާ މިލިޓާއޯގެ ވާތު ކަކުލުގެ ލިގަމެންޓަށް އަނިޔާވެ އޮޕަރޭޝަން ކުރަން ޖެހިއްޖެއެވެ.

މި ސީޒަން ފެށުމަށް ތިން ވަރަކަށް ދުވަހަށްވެފައި ވަނިކޮށް، ރެއާލްގެ ގޯލްކީޕަރު ތީބޯ ކޯޓުއާގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވެ، ސާޖަރީ ހަދަން ޖެހިފައިވެއެވެ. ބެލެވޭ ގޮތުގައި ކޯޓުއާއަށް މި ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލޭނެއެވެ. ކޯޓުއާ ނެތްތައް ފޫބައްދަން ރެއާލްއިން ވަނީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާ ލޯން އެއްބަސްވުމެއްގައި އެޓީމަށް ގެންގޮސްފައެވެ.

ގޯލްކީޕަރަށް އަނިޔާވުމުގެ މާޔޫސްކަމުގައި ރެއާލްއިން ތިއްބާ، ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޓީމުގެ އެންމެ މުހިއްމު ޑިފެންޑަރު މިލިއާޓޯއަށް އަނިޔާވެ ބާލަން ޖެހުނެވެ. ރެއާލްއިން ހޮނިހިރު ދުވަހުގެ ރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅެ މޮޅުވި މެޗަށްފަހު ކްލަބުން ބުނީ މިލިޓާއޯގެ އެންޓޭރިއޯ ކްރުސިއޭޓް ލިގަމެންޓަށް ގެއްލުންވެފައިވާ ކަމަށާއި، ރަނގަޅު ވާން އޮތީ އޮޕަރޭޝަން ކޮށްގެން ކަމަށެވެ. އަދި އޮޕަރޭޝަނާއެކު މިލިޓާއޯއަށްވެސް ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލޭނެ ކަމަށް ބެލެވެއެވެ.

މިލިޓާއޯއަށް އަނިޔާވުމާއެކު ރެއާލްގައި ކޯޗު ކާލޯ އެންޗެލޮޓީއަށް ބޭނުންކުރެވެން ތިބީ އެންމެ ތިން ސެންޓަ ބެކުންނެވެ. އެއީ ޑޭވިޑް އަލާބާއާއި އެންޓޯނިއޯ ރުޑިގާގެ އިތުރުން ނަޗޯ ފެނާންޑޭޒްއެވެ.

އެހެންކަމުން ރެއާލްއިން ޓްރާންސްފާ މާކެޓްގެ ފަހު ކޮޅުގައި ސެންޓަ ބެކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.