އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިން މައްސަލައެއްގައި މީހަކު 1،800 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މި މައްސަލައިގައި ޖޫރިމަނާ ކޮށްފައިވަނީ ގއ. ވިލިނގިލި، ވީނަސްއާގެ، މަދިހާ މުސްތަފާއެވެ.
އެ ދައުވާގައި ދައުލަތުން ބުނެފައިވަނީ 2020 ވަނަ އަހަރުގެ މާޗުމަހުގެ 13 ވަނަ ދުވަހުގެ ރޭ 12:00 އެހާކަންހާއިރު، މަދީހާ އަދި އިތުރު ބަޔަކު، ގއ. ވިލިނގިލި ރެޑްރޯސް ގޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބައި އެވަގުތު އެގޭގައި ހުރި، މުހައްމަދު މުސްތަފާގެ ގަޔަށް ބާރުތަކެއް އަރައި ގޮތްތަކެއް ވާން ފެށުމުން، އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔުމުގެ ބަދަލުގައި، އޭގެ ރޫމް ނަމްބަރު 101 ގައި ހުރި ފާހާނާއަށް ވައްދައި، އޭނާގެ ބޮލަށް ފެން އަޅައި، އޭގެ ސިޓިން ރޫމުގައި 10 ނުވަތަ 15 މިނިޓު ވަންދެން ބޭއްވި ކަމަށެވެ. އެ ފަހުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ މަރުވެފައިކަމަށް ދައުލަތުން ބުނެފައިއެވެ.
މުހައްމަދު މުސްތަފާއަށް އެހީތެރިކަން ފޯރުކޮށްދީފައިނުވާތީ "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު"ގެ ދަށުން މަދީހާގެ މައްޗަށް "އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށު"ގެ ދައުވާކުރާމަށް ދައުލަތުން އެދިފައިވެއެވެ.
އެ ދައުވާއަށް މަދީހާ ވަނީ މިދިޔަ ޖުލައިމަހުގެ ހަވަނަ ދުވަހު ކުރިމިނަލް ކޯޓުގައި އިއުތިރާފު ވެފައެވެ. އަދަބާއި ބެހޭގޮތުން ވާހަކަދައްކަން ލިބުނު ފުރުސަތުގައި ދައުލަތުން ބުނެފައިވަނީ އެ ކުށުގެ އަދަބަކީ އެއް މަހާއި ހަދުވަހަށް ޖަލަށްލުން ކަމަށެވެ. މަދީހާގެ ކުށުގެ ރިކޯޑެއް ނެތުމުން އަދަބު މަތިވާނެ ހާލަތެއް ނެތްކަމަށް ދައުލަތުން ބުނެފައިވެއެވެ. އޭނާ ކުށަށް އިއުތިރާފުވެފައިވާތީ އަދަބުގެ މިންވަރު އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްވާނެ ކަމަށެވެ. އެހެންކަމުން މަދީހާއަށް އަންނާނެ ޖަލު އަދަބަކީ 27 ދުވަސްކަމަށް ދައުލަތުން ބުނެފައިވެއެވެ.
މަދީހާއަށް، ޖޫރިމާނާއަށް ފައިސާ ދެއްކޭ ނަމަ، ޖަލު އަދަބު ޖޫރިމާނާއަށް ބަދަލުކުރުމަކުން މައްސަލައެއް ނެތްކަމަށް ދައުލަތުން ބުނެފައިވެއެވެ. އެއިރުން މަދީހާ ދައްކަން ޖެހޭނީ ޖޫރިމާނާގެ ފައިސާގެ އަދަދު ކަމަށްވާ 1،800 ރުފިޔާއެވެ.
މަދީހާ ބުނެފައިވަނީ އޭނާ މިހާރު ވަޒީފާއެއްގައި އުޅެމުންދާތީ ޖޫރިމާނާ ދެއްކޭނެ ކަމަށެވެ. އެހެންވެ ޖަލު ހުކުމް، ޖޫރިމާނާއަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށެވެ.
ދެ ފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު، ޝަރީއަތުން ނިންމީ މަދީހާގެ މައްޗަށް އަންނަ ޖަލު ހުކުމް ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރުމަށެވެ. އެގޮތަށް ނިންމީ އެއީ ޖިނާއީ ބޮޑު މައްސަލައަކަށް ނުވުމުންނެވެ.
އެހެންވެ ކޯޓުން ހުކުމްކުރީ މަދީހާ 1،800 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު