ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލަން ކުރި އަމުރު ބާތިލްކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފިއެވެ.
ޒަރީރަށް ހަމަލާ ދިނީ ޓީވީއެމް ކުރިމަތިން، ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭގައި އިންނަވަނިކޮށެވެ. އެ މައްސަލައިގައި ގުރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ގައްބަރޭ ހޯދުމަށް ފުލުހުން އޭނާގެ ވަނަވަރު އާއްމުކުރުމުން މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ.
ގައްބަރޭގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ 30 ދުވަހެވެ. އޭގެ ފަހުން 15 ދުވަސް ދުވަސް އޭނާގެ ބަންދަށް އިތުރުކުރިއެވެ. އެ 15 ދުވަސް ޖުލައި ހަޔަކަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އެ ދުވަހު ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލައިފައެވެ.
ބަންދުން ދޫކޮށްލި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ އެންމެން ދޫކޮށްލަން ދަށު ކޯޓުން ނެރުނު އަމުރުތައް ބާތިލުކޮށް، މިއަދު ހައިކޯޓުން ނެރުނު އަމުރުގައި ބުނީ، ގައްބަރޭގެ އިތުރުން އެ މައްސަލައިގައި ދެން ތުހުމަތުކުރާ މުލާމް މުހައްމަދާއި އަހުމަދު އައުޝަމް ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުތަކަކީ ތޫނު އެއްޗެހި ބޭނުން ކުރުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ގާނޫނާ ހިލާފަށް ނެރުނު އަމުރުތަކެއް ކަމަށެވެ.
ތިން ފަންޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ބުނީ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން އެ މީހުން އަލުން ބަންދުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނުވަތަ ފުލުހުންގެ ފަރާތުން ދަށު ކޯޓަށް ހަތް ދުވަހުގެ ތެރޭގައި ހުށަހަޅައިފި ނަމަ، އެ އަމުރު ނެރެދެން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އެ އަމުރުގައި ބުނީ، ނުރައްކާތެރި ކުށްވެރީން ކޯޓުތަކުން އަމިއްލައަށް އިސްނަގައިގެން ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެފަދަ މީހަކު ދޫކޮށްލެވޭނީ ގާނޫނުގެ ތަރަހައިގެ ތެރެއިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށެވެ.
ގްރޫޕް މާރާމާރީ އާއި ފޭރުމުގެ ގިނަ މައްސަލަތަކެއްގެ ރެކޯޑް އޮތް ގައްބަރޭއަކީ އެމްޑީޕީއަށް ނިސްބަތްވާ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސްއެވެ. އޭނާއަކީ 2007 ގައި ތޫނު އެއްޗަކުން ހަމަލާދީ ހ. ކުބްރާ، އަލީ އިޝާރު މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވެފައިވާ މީހެކެވެ. އެއިރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަތާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ ޖުވެނައިލް ކޯޓުގައި އުފުލިއެވެ. ނަމަވެސް ހެކި ނެތުމުން 2010 ވަނަ އަހަރު އެ ކޯޓުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު