މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފި ނަމަ, ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއެކު ކޯލިޝަން ހެދުމަކީ ދަ ޑިމޮކްރެޓްސްގެ އާންމު މެންބަރުންނަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އެ ޕާޓީގެ ކެމްޕެއިން ތަރުޖަމާން އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ, މުއިއްޒު އާއެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ޕާޓީން ކަމަށެވެ.
"މި ޕާޓީގެ އާންމު މެންބަރުންނަށް ފަސޭހަކަމަކަށް ނުވެދާނެ ޑރ. މުއިއްޒުއާއެކު ކޯލިޝަން މި ޕަޓީން ހެދުމަކީ. މިއީ ޕާޓީގެ ނިންމުމަކަށްވާނެ ނިންމުމެއް. އަޅުގަނޑަށް މިތަނުގައި އިނދެއްފައި ވަކި ވާހަކައެއް ދަންނަވާކަށެއް ނޭނގޭނެ," އިންތި ވިދާޅުވިއެވެ.
އިންތި އެހެން ވިދާޅުވި އިރު, ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ދަ ޑިމޮކްރެޓްސްގެ ބާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންތިހާބުގެ ދެވަނަ ބުރަކަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ނުދާނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވައިފައެވެ.
"އަޅުގަނޑު މިރޭ ޕީޕީއެމްގެ މެންބަރުންގެ ގާތުގައި އިހުލާސްތެރިކަމާއެކު ދަންނަވަން އޮތް ނުކުތާއެއް އެބަ އޮތް, ދެވަނަ ބުރެއްގައި އަޅުގަނޑުމެން ލައްވާ އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ގޮތެއް ތިޔަ ބޭފުޅުން ނުހައްދަވާތި. ތިޔަ ބޭފުޅުން ވިސްނުންތެރިކަމާ އެކީގައި މި ވޯޓުގެ ކަންތައް ގެންދަވާތި. އަޅުގަނޑު މިދަންނަވާ ވާހަކަ ވަރަށް ކަނުލާ އައްސަވާ ވިސްނަވާ ވިސްނަވާތި. ދެވަނަ ބުރެއްގައި ޑިމޮކްރެޓުން އެމްޑީޕީއަށް ވޯޓުލާންޖެހޭ ގޮތަކަށް އެ ބުރުގެ ކަންތައް ތިޔަ ބޭފުޅުން ނުބާއްވަވާތި. މިއަދު ޕީޕީއެމަށް އެކަން ކޮށްދެވެން އެބަ އޮތް," ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު