ނ. ޅޮހީގައި ފަތުރުވެރިނަށް ހާއްސަ ބީޗެއް ހައްދަވައިދެއްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

އެ ރަށުގައި ބޭއްވި އެ މަނިކުފާނުގެ ކެމްޕޭން ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ޅޮއްސަށް ކޮށްދެއްވާނެ ކަންތައްތަކުގެ ވައުދުތަކަކާއެކު ކަމަށެވެ.

"އެގޮތުން ޅޮހީގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ޓުއަރިސްޓުންނަށް ފަސޭހައިން މޫދަށް އެރެވޭނެ ވަކި ބީޗެއް މިރަށުގަ އަޅުގަނޑުމެން ގާއިމުކޮށްދޭނަން. މިރަށުގެ ރައްޔިތުން އެދިފަ އޮތީ މިހާރު އަށް ގަޑިއިރަށް ހިދުމަތް ދޭ ހެލްތު ސެންޓަރު 16 ގަޑިއިރަށް ބަދަލުކުރަން. އަޅުގަނޑުމެން މި ނިންމަނީ އެ ހެލްތު ސެންޓަރު 24 ގަޑިއިރަށް ބަދަލުކޮށް ލެބޯޓަރީގެ ހިދުމަތް އެތަނުން ލިބޭގޮތް ހަދައިދިނުމަށް. ސްކޫލަށް ބޭނުންވެފައިވާ އޮތް މަލްޓިޕާޕާސް ހޯލް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސްކޫލުގައި އަޅައިދޭނަން. ޅޮހީ ސްކޫލުގަ ރިސޯސް ރޫމުތައް އަޅުގަނޑުމެން ގާއިމުކޮށްދޭނަން. ރަށު ކައުންސިލް އިދާރާއަށް ޒާމާނީ ވަސީލަތްތަކާއެކު ޔޫތު ސެންޓަރެއް ޒުވާނުންނަށް އަޅުގަނޑުމެން މިރަށުގަ އަޅައިދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވައިލުވަމީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އާރްޓީއެލްގެ ނިޒާމުން ދެ އަތޮޅެއް ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލައިފައިވާ ކަމަށާއި ދެން ގުޅުވާލާނީ ނ. އަތޮޅުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ދެން އިރާދަކުރެއްވިއްޔާ އެ ހިދުމަތް އަންނާނީ ނ. އަތޮޅަށް. މިހާރު ވަނީ އެކަމަށް ބޭނުންވާ ލޯންޗުފަހަރު ބަނުމަށް ކޮންޓްރެކްޓު ކުރެވިފަ. އަޅުގަނޑުމެންގެ އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން މި އަތޮޅުގަ އެ މަޝްރޫއު، އެ ހިދުމަތް ފެށިގެން ދިއުން. އިރާދަކުރެއްވިއްޔާ އެކަން ކުރެވިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް ވިދާޅުވީ ވާދަވެރިން ބުނަމުން އަންނަނީ އާބަދީ ބޮޑު ސަރަހައްދުތަކަށް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށާއި އެގޮތަކީ އެ ބޭފުޅުންގެ ކުރީގެ ވެރިކަމުގައިވެސް ކަންތައް ކުރެއްވި ގޮތް ކަމަށެވެ.

ނަމަވެސް އެ މަނިކުފާނުގެ ސިޔާސަތަކީ ކުޑަރަށެއް ބޮޑުރަށެއް ނުބަލައި ގާނުނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި ޒަރޫރީ ބޭނުންތައް ފުއްދައިދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކު ކޮންމެތާކު ދިރިއުޅުނު ކަމުގައި ވިޔަސް އެއިރަކު އޮންނަ ސަރުކާރަކުން އަދި އެ ސަރުކާރަކަށް ގާނޫނުއަސާސީން ލާޒިމުކޮށްފަ އޮތްކަމެއް ތަފާތުކުރުމެއްނެތި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން، އެހެންކަމުން އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަން ވެފަ އޮންނާނީ ކުރިއަށް އޮތް ތަނުގައިވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް" ރައީސް ވިދާޅުވިއެވެ

ރައީސް ވިދާޅުވީ، ސަރުކާރުން، ޅޮހީގައި އެންމެ ފުރަތަމަ ފެށި މަޝްރޫއަކީ ފެނާއި ނަރުދަމާގެ މަޝްރޫއު ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ނުނިމި ލަސްވާތީ މިއަދު ވަނީ އެކަމުގެ ކޮންޓްރެކު ބާތިލުކޮށް، ސަރުކާރު ކުންފުންޏަކާ ހަވާލުކޮށްފައި ކަމަށެވެ. އަދި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.