ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯގެ ގޯލުތަކާއެކު އަލް ނަސްރަށް ފުރަތަމަ ފަހަރަށް އަރަބް ކްލަބު ޗެމްޕިއަންސް ކަޕް ހޯދައިދީފި

ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރުން، ކްލަބު ތާރީހުގައި ފުރަތަމަ ފަހަރަށް އަރަބް ކްލަބު ޗެމްޕިއަންސް ކަޕް ކާމިޔާބު ކޮށްފިއެވެ.

ރޮނާލްޑޯގެ އަލް ނަސްރުން ފުރަތަމަ ފަހަރަށް އަރަބް ކްލަބު ޗެމްޕިއަންސް ކަޕް ރޭ ކާމިޔާބުކުރީ ފައިނަލުގައި ސައުދީގެ އަލް ހިލާލް 2-1 އިން ބަލިކޮށްފައެވެ.

އަރަބް ކްލަބު ޗެމްޕިއަންސް ކަޕަކީ އަރަބި ގައުމުތަކުގެ ލީގުތަކުން ހޮވާލެވޭ ވަރުގަދަ ޓީމުތަކުން ވާދަކުރާ މުބާރާތެކެވެ. ސައުދީގެ އިތުރުން ޔޫއޭއީއާއި މޮރޮކޯގެ އިތުރުން ކުވައިތާއި އިރާގު، ޓިއުނީޝިއާ، އަލްޖީރިއާ އަދި މިސްރު ފަދަ ގައުމުތަކުގެ ޓީމުތައް މުބާރާތުގައި ކުޅެފައިވެއެވެ.

އަލް ހިލާލާއި ނަސްރުން ރޭ ވާދަކުރި ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި މާ ގިނަ ހަމަލާތަކެއް ފެނިފައި ނުވާ އިރު، ދެވަނަ ހާފުގައި ހިލާލުގެ މައިކަލް ވަނީ އެޓީމަށް ގޯލު ޖަހައި ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކުރަން ކުރި މަސައްކަތަށް އުނދަގޫ ތަކަކާ ދިމާވީ ދެވަނަ ހާފުގައި އެޓީމުގެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމުންނެވެ.

އަބްޑުލޭލާ އަލް-އަމްރީ އާއި ނަވާފް ބޯޝަލް އަށް މެޗުގައި ރަތް ކާޑު ދައްކާފައިވާ އިރު، ދެ ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަސްރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފަސްފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ އެވެ. އެ ގޯލާއެކު މެޗު އިތުރު ވަގުތަށް ގޮސް، މެޗު އިތުރަށް ފޯރި ގަދަވިއެވެ. މެޗުގެ އިތުރު ވަގުތުގައިވެސް ނަސްރަށް ރޮނާލްޑޯ ގޯލު ޖަހައިދީ ޗެމްޕިއަންކަން ޔަގީންކޮށްދިނެވެ.

ރޮނާލްޑޯ މިފަހަރުގެ މުބާރާތް ނިންމާލީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ.