ވެރިކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ރައްޔިތުންނަށް ބަރަޔަކަށްވިޔަ ނުދީ ދަރަނިތައް ދެއްކުމަށް ރަނގަޅު ޕްލޭންތަކެއް ހަދައިގެން އެ ދަރަނިތައް ދައްކާނެ ކަމަށާއި ޑިވެލޮޕްމަންޓް ބޭންކެއް ވެސް ތައާރަފުކުރާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ބޮޑުތިލަދުންމައްޗަށް މުއިއްޒު ކުރައްވާ ދަތުރުގެ ތެރެއިން ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެން، މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ މި ގައުމު މިހާރު އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށާއި ދިވެހި ދައުލަތުގައި 100 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަނި އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި އެ ދަރަނި، އެ ޑެޓް ރީސްޓްރަކްޗާ ކުރާނެ ރަނގަޅު ދެކޮޅު ޖެހޭ ޕްލޭންތައް ހެދިގެންދާނެ. ކުރު ރާސްތާ އަދި ދިގު ރާސްތާ ޑެޓް ރީސްޓްރަކްޗަރިން ޕްލޭންތައް ހަދައި، އެ ލޯނުތައް ފަސޭހަކަމާއެކު ދެއްކޭނެ ގޮތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ބުރަޔަކަށް ވިިޔަކަ ނުދޭނަން،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ ހަރަދުކުރުމުގެ ސިޔާސަތާ ބެހޭ ހާއްސަ ގާނޫނެއް ގެންނަވާނެ ކަމަށާއި އޭގެ ސަބަބުން ބޭކާރު ހަރަދުތައް ނުކޮށް، ސަރުކާރުން ކުރާ ހަރަދުތައް ދާނީ ޒިންމާދާރުކަމާއެކު ބެލެހެއްޓިގެން ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކީ ފިނޭންސް މިނިސްޓްރީން ބަޖެޓުދީގެން، މުސާރަދީގެން ހިންގާ ބޭނުމެއް ނެތް ކުންފުނިތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ ސަބަބުން ހުރިހާ ގެއްލުމެއް ވަނީ ރައްޔިތުންނަށް. އިގުތިސާދު ހަރުދަނާ ކުރަންޏާ އެކަން އެބަ ޖެހޭ ނިމުމަކަށް އަންނަން. މި ކުންފުނިތަކަކީ ރެގިއުލޭޓް ކުރެވިގެން، އެ ކުންފުނިތަކުން އާމްދަނީ ހޯދައިގެން ބަލައްޓާ، ސެލްފް ސަސްޓެއިން ކުންފުނިތަކަކަށް ހެދުމަށް އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އެކަން ޔަގީންކުރެވޭނެ ގާނޫނުތަކާއި ގަވާއިދުތައް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާއެކު އަޅުގަނޑުމެން ތައާރަފުކުރާނަން. އޭރުން ބައެއް ކުންފުނިތަކުން ރެއާއި ދުވާލު 100 ވަޒީފާ، 1000 ވަޒީފާ މި ދީދީ އުޅޭއުޅުން އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަންގެ އިގުތިސާދީ ސިޔާސަތުގެ ތެރެއިން ޑިވެލޮޕްމަންޓް ބޭންކެއް ރާއްޖޭގައި ގާއިމުކުރުމަކީ ކުރަން ނިންމާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރުގެ ދަރަނި ބޮޑު މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"އަބަދުވެސް ދެކެވޭ ވާހަކައެއް ޑިވެލޮޕްމަންޓް ބޭންކެއް ހަދާ ވާހަކަ. ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ކުންފުނިތަކުގެ މަޝްރޫއުތައް ހިންގުމަށް ޑިވެލޮޕްމަންޓް ބޭންކެއް ތައާރަފުކުރެވިއްޖެ ނަމަ، އޭރުން އާންމު ފަރުދުންނަށް، ޕްރައިވެޓް ސެކްޓާއަށް ލޯނު ނެގުމުގައި ރާއްޖޭގެ ބޭންކިން ނިޒާމު ހުޅުވިގެންދާނެ. އޭގެ ސަބަބުން ސަރުކާރުން ކުރާ ހަރަދުތަކުގައި މި ދަރިނި ބޮޑުވާ މައްސަލަ ނިމުމަކަށް ގެނައުމަށް ފަސޭހައަކަށް ވާނެ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އަލުން ރާއްޖޭގެ އިގުތިސާދު ނަގައި ކޮޅަށް ޖަހައި، އަނެއްކާވެސް ބުންވަރު ހުރި އިގުތިސާދަކަށް ހަދާނެ ކަމަށާއި އޭގެ ސަބަބުން ވަޒީފާ އިތުރުކުރެވި، މި ރާއްޖޭގައި ވަޒީފާ ބޭނުންވެފައި ތިބި އެންމެންނަށް ވަޒީފާ ޔަގީންކުރެވިގެންދާނެ ކަމަށެވެ.