އިދިކޮޅު މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެންބަރުން މަގުމަތިކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައި އެ ޕާޓީގެ މެންބަރުން ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގަތުމަށް ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސްޕެޝަލް އެޑްވައިޒަރުކަމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާދެއްވައި އެ ޕާޓީން ވަކިވެވަޑައިގެން، ޖޭޕީއާ މިރޭ ގުޅިވަޑައިގަތް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދައުވަތު ދެއްވައިފިއެވެ.
މާމިގިލީގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިހާރު ކުރިއަށްގެންދަވާ ޖަލްސާގައި ޖޭޕީއާ ގުޅިވަޑައިގަތުމަށް ފަހު ޑރ. ވަހީދު ވިދާޅުވީ، އެ މަނިކުފާނު ޕީޕީއެމުން ވަކިވެވަޑައިގަތުމުން "މަގުމަތިވީ" ކަމުގައި ބައެއް ފަރާތްތަކުން ތުހުމަތުކުރެއްވި ކަމަށާއި ނަމަވެސް ހަގީގަތުގައި އެ މަނިކުފާނު މަގުމަތި ނުވާ ކަމަށެވެ.
ޕީޕީއެމުން ވަކިވެވަޑައިގެންފައިވާކަން ހާމަކުރައްވައި ބުރާސްފަތި ދުވަހު ޑރ. ވަހީދު އާންމު ކުރެއްވި ސިޓީގައި ވިދާޅުވެފައި ވަނީ މީގެ ދިހަ އަހަރުގެ ކުރިން ޕީޕީއެމްއާ އެ މަނިކުފާނު ގުޅިވަޑައިގަތީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް, ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ކަމަށެވެ.
އޭގެ ތެރެއިން ގިނަ ކަންކަން ޕްލޭނާ އެއްގޮތަށް ހާސިލުވި އިރު, ރާއްޖޭގެ އިގުތިސާދާއި ޑިމޮކްރަސީ ހަރުދަނާކޮށް ރައްޔިތުންގެ ފާގަތިކަން އިތުރު ކުރަން އިތުރު މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުރި ކަމަށް ވިދާޅުވެފައިވެއެވެ.
މިރޭގެ ޖަލްސާގައި، ޑރ. ވަހީދު ވިދާޅުވީ، ޕީޕީއެމްގެ އެތެރޭގެ ޑިމޮކްރަސީ ނެތުމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީގެ ކެންޑިޑޭޓަކަށް ދީފައިނުވާ ކަމަށެވެ.
ޑރ. ވަހީދު ވިދާޅުވީ، އެ މަނިކުފާނު މަގުމަތިވެފައިވާ ކަމަށް ބަޔަކު ގަބޫލުކުރާނަމަ ޕީޕީއެމްގެ 40،000 ވުރެ ގިނަ މެންބަރުންވެސް ތިބީ މަގުމަތިވެފައި ކަމަށެވެ.
"ޕީޕީއެމްގެ މެންބަރުންނަށް އަޅުގަނޑު ގޮވާލަން ވަރަށް ވިސްނާވަޑައިގެންފައި ގާސިމް އިބްރާހީމަށް ތާއީދުކުރައްވަން" ޑރ. ވަހީދު ވިދާޅުވިއެވެ.
ޑރ. ވަހީދު މީގެ ކުރިން ވަނީ، ފުރުސަތު ލިބިވަޑައިގެންފިނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަން ޔަގީންވުމާއެކު ޑރ. ވަހީދު ކުށުގެ ރެކޯޑްވެސް ސާފުކުރެއްވިއެވެ.
ވ. އާރަށް މައްސަލައިގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ސަބަބުން އިންތިހާބީ ދެ ޝަތުރެއް އުނިވާތީ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަން ޔަގީންވުމާއެކު، ޔާމީން ވަނީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އިދިކޮޅު ޕީޕީއެމް-ޕީއެންސީއަށް އަންގަވައިފައެވެ. ނަމަވެސް، ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ނިންމީ އިންތިހާބުގައި ވާދަކުރުމަށެވެ. އެއިރު، ޕީއެންސީން ވަނީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފައެވެ. ޑރ. މުއިއްޒަކީ، ޕްލޭން "ބީ" ނޫން ކަމަށް ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވުމާއެކު، އެތެރޭގެ ހިޔާލުތަފާތުވުންތައްވެސް އުފެދުނެވެ. ނަމަވެސް މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހެޅުއްވި ފަހުން ޔާމީން ވަނީ އޭނާ އެންޑޯޒްކުރައްވައި، ސެނެޓުގެ ނިންމުމަށް ތާއީދުކުރަން ނިންމައިފައެވެ. އެއާއެކު އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕުން އެއްކޮށް ވަނީ ޑރ. މުއިއްޒުގެ ފަހަތަށް އަރައި، އިދިކޮޅުގެ ކެންޑިޑޭޓްގެ ގޮތުގައި ޑރ. މުއިއްޒު ބަލައިގެންފައެވެ.