ދަ ޑިމޮކްރެޓްސްއާއެކު މަސައްކަތް ކުރަން ޕީޕީއެމުން އެއްބަސްވާތާ ހަފުތާއެއްގެ ތެރޭގައި، މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައަށް، ޔާމީން އެ މަނިކުފާނުގެ ވަކީލުން މެދުވެރިކުރައްވައި މިއަދު ރައްދުދެއްވައިފިއެވެ.

ޕީޕީއެމް އޮފީސް ކުރިމަތީގައި މިއަދު ބޭއްވި އިހުތިޖާޖުގެ ތެރެއިން ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ޔާމީންގެ އެދިލެއްވުމަކީ، ދަ ޑިމޮކްރެޓްސްއިން ޖަހާ ސަކަރާތުގައި ޕީޕީއެމްގެ އެއްވެސް މީހަކު ބައިވެރިނުވުން ކަމަށް ވިދާޅުވެފައެވެ.

"ރައީސް ޔާމީން ގަބޫލުފުޅު ކުރައްވަނީ އެ މަނިކުފާނަށް މި އަނިޔާ ދިނުމުގައި އިސްކޮށް ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށްވާ އިރު، ހަމަ އެއްވަރަކަށް ޖޭއެސްސީގެ ތެރެއިން ރައީސް ނަޝީދު މި އަނިޔާ ދިނުމުގައި ބައިވެރިވާކަން. އަދި އިމްރާން އަބްދުﷲ މި އަނިޔާ ދިނުމުގައި ބައިވެރިވާކަން،" ޖަމީލް ވިދާޅުވިއެވެ.

ގދ. ގައްދޫގައި ޑިމޮކްރެޓްސްއިން އިއްޔެ ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވަނީ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީން ޖަލުގައި ހުންނެވީ، އިދިކޮޅު ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުމުން ކަމަށާއި މިނިވަންވެފައި ނުވަނީ އެގޮތަށް އެބޭފުޅުން ބޭނުންވުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޑިމޮކްރެޓްސްއާ އެކު މަސައްކަތް ކުރަން ޕީޕީއެމް-ޕީއެންސީން އެއްބަސްވެ، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރާތާ ހަފުތާއެއްގެ ތެރޭގައި، މާލޭގެ މަގުމަތީގައި އަަބަދު އުޅެގެން ވެސް، ރައީސް ޔާމީން ގެއަށް ގެނެސްދޭނަން،" ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވި ނަމަވެސް، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެމަނިކުފާނުގެ ކެންޑިޑެސީ ގަބޫލުކޮށްފައެއް ނުވެއެވެ. ސުޕްރީމް ކޯޓުން ވެސް ޔާމީނަށް ކާމިޔާބީ ލިބިވަޑައިނުގެންނެވުމުން އިދިކޮޅުން ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނީ މުއިއްޒެވެ.

ރައީސް ނަޝީދު ގެންދަވަނީ، މިހާރު އޮތް ރައީސް ސޯލިހުގެ ވެރިކަން ބަދަލުކުރެވޭނީ، ޑިމޮކްރެޓްސް އާއި ޕީޕީއެމް ކޯލިޝަން އެކުގައި މަސައްކަތްކޮށްގެން ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ޑިމޮކްރެޓްސްގެ ބައެއް ބައްދަލުވުންތަކުގައި ޕީޕީއެމްގެ މެންބަރުން ބައިވެރިކޮށްގެން ޔާމީން މިނިވަންކުރުމަށްވެސް ނަޝީދު ގޮވާލައްވައިފައިވެއެވެ.