ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްއާ ބައްދަލުކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީން މިރޭ ބުނީ، ޑރ. ވަހީދު މިރޭގެ ވަގުތެއްގައި މާމިގިއްޔަށް ވަޑައިގެންފައިވާ ކަމަށެވެ. އަރިހުގައި ޑރ.ވަހީދުގެ ދަރިކަލުން ސާލިމް ވަހީދު ހުންނެވިއެވެ. އަދި އެއާޕޯޓުން ޑރ. ވަހީދަށް މަރުހަބާ ދެންނެވީ ގާސިމް ކަމަށެވެ. ގާސިމް އަރިހުގައި އެމަނިކުފާނުގެ އެޑްވައިޒަރު، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުވެސް ހުންނެވިއެވެ.
ގާސިމް ވަނީ މިދިޔަ ހަފުތާގައި ޑރ. ވަހީދާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުން ކުރިއަށް ގޮސްފައިވަނީ ޑރ. ވަހީދުގެ ގެކޮޅު، މއ. ޔުރޭކާގައެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ގާސިމް ވިދާޅުވީ ރައީސް ވަހީދާ ބައްދަލުކުރެއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމަށް ދައުވަތުދެއްވުމަށް ކަމަށެވެ.
ޕީޕީއެމްގެ، ސްޕެޝަލް އެޑްވައިޒަރުގެ މަގާމުންނާއި އެ ޕާޓީގެ މެމްބާޝިޕުން ވަކިވެވަޑައިގެންފައިވާކަން ޑރ. ވަހީދު ވަނީ އިއްޔެ އާންމު ކުރައްވައިފައެވެ.
ޑރ. ވަހީދު، ގާސިމާ ބައްދަލުކުރައްވާފައި މިވަނީ، އެ މަނިކުފާނު ޖުމްހޫރީ ޕާޓީއާ ގުޅެން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. ނަމަވެސް އެކަން ޖުމްހޫރީ ޕާޓީގެ ފަރާތުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޕީޕީއެމުން ވަކިވެވަޑައިގެންފައިވާކަން ހާމަކުރައްވައި ޑރ. ވަހީދު އާންމު ކުރެއްވި ސިޓީގައި ވިދާޅުވެފައިވަނީ މީގެ 10 އަހަރުގެ ކުރިން ޕީޕީއެމްއާ އެ މަނިކުފާނު ގުޅިވަޑައިގަތީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް, ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ކަމަށެވެ.
އޭގެ ތެރެއިން ގިނަ ކަންކަން ޕްލޭނާ އެއްގޮތަށް ހާސިލުވި އިރު, ރާއްޖޭގެ އިގުތިސާދާއި ޑިމޮކްރަސީ ހަރަދަނާކޮށް ރައްޔިތުންގެ ފާގަތިކަން އިތުރު ކުރަން އިތުރު މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުރި ކަމަށް ވިދާޅުވެފައިވެއެވެ.
ގާސިމް، ރައީސް ވަހީދާ ބައްދަލުކުރެއްވި އިރު، ގާސިމްގެ ރަނިންމޭޓަކަށް ޑރ. ވަހީދު ހަމަޖައްސަވަން އުޅުއްވާ ކަމުގެ އަޑުތައް މި ހަފުތާގެ ތެރޭގައި ފެތުރުނެވެ. އަދި އެޕާޓީއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައްވެސް ފެތުރުނެވެ. ނަމަވެސް ޑރ. ވަހީދު ވަނީ ފަހުން އެ ވާހަކަ ދޮގުކުރައްވައިފައެވެ.