ޚަބަރު

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށަން ގަތަރުގެ ކުންފުންޏަކާ އެކު އެސްޓީއޯއިން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި މި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ޕޯޓް ސިޓީގައި ބައެއްގެ ކަމަށްވާ ބަންކަރިން ފެސިލިޓީ ގާއިމުކުރަން އެސްޓީއޯއިން މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯއާއި އާބަކޮންއާ ދެމެދު ސޮއިކުރި އެއްބަސްވުމަކީ ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހަދައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި ސޮއިކުރި އެއްބަސްވުމެކެވެ.

އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައި އޮންނަ އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ޕޯޓް ސިޓީގެ އެންމެ މުހިއްމު އެއް ބަޔަކީވެސް ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމެވެ.

އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބަންކަރިން އިންޑަސްޓްރީއަކީ 150 ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށްވާ އިރު، އިހަވަންދިއްޕޮޅުގައި ބަންކަންރިންގެ ހިދުމަތް ފަށައި އޭގެ ނަފާ މުޅި ގައުމަށާއި އެ ކުންފުންޏަށް ހޯދުމަކީ އެ ޕްރޮޖެކްޓުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި، ގުޅުންހުރި ވިޔަފާރިތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

އޭގެ ތެރޭގައި ޝިޕިން އެޖެންސީ، ކްރޫ ޗޭންޖް، ޝިޕް ޗޭންޑްލިންގް، ޝިޕް ރިޕެއާ އަދި ސްޕެއާ ޕާޓްސް ފޯރުކޮށްދިނުން ހިމެނެއެވެ.

އެސްޓީއޯއިން ބުނީ، ބަންކަރިން ހިދުމަތް ފެށުމަށްޓަކައި ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޑްރާފްޓް ރެގިއުލޭޝަންސްތައް ތައްޔާރުކުރަމުންދާ އިރު، އެ ޕްރޮޖެކްޓް ހިންގުމުގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، ހޯދަންޖެހޭ އާލާތްތައް، އެމްއެންޑީއެފްގެ ލަފާގެ މަތިން ހޯދަމުން އަންނަ ކަމަށެވެ.