ކުރިއަށްއޮތް ފަސް އަހަރުގެ ދައުރުގެ ތެރޭގައި ގއ. ވިލިނގިއްޔަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ދޮރަގައްލާ ފަރު ބަދަލުކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގއ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވިލިނގިއްޔަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިހާރު ތަރައްގީކުރަމުންދާ 100 ހައުސިން ޔުނިޓުގެ ތެރެއަށް އިތުރު ހައުސިން ޔުނިޓުތަކެއް ވެސް ކުރިއަށްއޮތް ދައުރުގައި އިތުރުކޮށްދެއްވާނެ ކަމަށެވެ.
"ކުރިއަށްއޮތް ދައުރުގައި އިރާދަކުރެއްވިއްޔާ އިތުރު 100 ހައުސިން ޔުނިޓެއް މީގެ ތެރެއަށް އިތުރުކުރާނަން. އަދި ވިލިނގިލީގައި އަނެއްކާވެސް އިތުރަށް ބިން ހިއްކައި، ކުރިއަށްތަނުގައި އިތުރު މަޝްރޫއުތައް ހިންގޭ ގޮތަށް އެކަން ކުރާނަން. ވިލިނގިލި ކައިރީގައި އޮތް ދޮރަގައްލާ ފަރު ޕިކްނިކް އައިލެންޑަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަދަލުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޫއްޑޫ އާއި ވިލިނގިލި ބުރިޖަކުން ގުލައިލުމަކީ އެމަނިކުފާނު މީގެ ކުރިން ވެވަޑައިގެންފައިވާ ވައުދުފުޅެއް ކަމަށާއި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް އަދި ފެށިފައި ނުވާ ކަމަށެވެ. އަދި މަސައްކަތްތައް ކުރިއަށްދިޔަ އިރުގައި، ކޮވިޑުގެ އާލަމީ ވަބާއާ އެކީގައި އެކަމަށް ހުއްޓުމެއް އައި ނަމަވެސް، މިހާރު އެ މަޝްރޫއުގެ ދިރާސާ ނިމި، އެކަން އޮތީ ކުރިއަށްދިއުމުގެ މަރުހަލާގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކަމަކު އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އަދި ހިންގަވާށޭ މިއާ ދޭތެރޭގައި ވިސްނަވާލަން. މިއަށްވުރެ ރަނގަޅަށް މުޅި ވިލިނގިއްޔަށް ތަރައްގީ ގެނެވޭނެ ޕްރޮޖެކްޓުތަކެއް، ޕްރޮޕޯސަލްތަކެއް އަޅުގަނޑުމެން އަތުގައި އެބަހުރި. އަޅުގަނޑު މީގައި ގޮތެއް ނިންމަން ގަސްދުކުރަނީ ތިބޭފުޅުންނާ އަދި މަޝްވަރާކޮށްފައި. މީގައި އެކަމަށް ދާނީތޯ ނޫނީ އަޅުގަނޑުމެންގެ ކުރިމަތީގައި މިހުރި ޕްރޮޕޯސަލްތަކައިގެން ކުރިއަށްދާނީތޯ، މިއީ މިއަދު އަޅުގަނޑުމެން ވިސްނާލާފައި ގޮތެއް ނިންމަންޖެހޭ ކަމެއް. އެހެންވީމާ ކުރިއަށް މިއޮތް ކުރު މުއްދަތުގެ ތެރޭގައި އެކަމާ ދޭތެރޭގައި ތިބޭފުޅުންނާ މަޝްވަރާކޮށްފައި އަޅުގަނޑު ގޮތެއް ނިންމާނެ ވާހަކަ ދަންނަވަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ވިލިނގިލީގެ ތަރައްގީއަށްޓަކައި މިދިޔަ ފަސް އަހަރު ދައުލަތުގެ ބަޖެޓުން ޖުލައި މަހުގެ ނިޔަލަށް 202 މިލިއަން ރުފިޔާ މިހާރު ހަރަކުރެވިފައިވާ ކަމަށާއި އަދިވެސް ބައިވަރު މަސައްކަތްކުރަން އެބަހުރި ކަމަށެވެ. އަދި އެ މަސައްކަތައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު