އެއް ސީޒަނެއްގައި ތިން ތަށި ހޯދައި، "ޓްރެބަލް" ކާމިޔާބުކުރުމަކީ ތަކުރާރު ނުވާވަރުގެ ކާމިޔާބީއެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ ސިޓީއާ ހަވާލުވިފަހުން މިހާތަނަށް އެންމެ ކާމިޔާބުކޮށް ނިންމާލި ސީޒަނަކީ މިދިޔަ ސީޒަނެވެ. އޭނާ ވަނީ ސިޓީއާއެކު މިދިޔަ ސީޒަނުގައި "ޓްރެބަލް" ފުރިހަމަކޮށް، ތާރީހީ ކާމިޔާބީއެއް ހޯދައިފައެވެ. ސިޓީން މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް އަދި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައިވާ އިރު، ސިޓީގެ ކުރިން "ޓްރެބަލް" ކާމިޔާބު ކޮށްފައި އޮތް ހަމައެކަނި އިނގިރޭސި ޓީމަކީ މެންޗެސްޓާ ޔުނައިޓެޑެވެ. އެއީ 1999 ވަނަ އަހަރުއެވެ.
ސިޓީން ޖެހިޖެހިގެން ހަތަރު ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް މިރޭ ސީޒަން ފަށާނީ ލީގުގައި ބާންލީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުންނެވެ. އެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ތިން ތަށި އެއް ސީޒަނެއްގައި ހޯދުމަކީ ހަޔާތުގެ އެއް ފަހަރުގައި ކުރެވޭނެ ކަންކަން ކަމަށާއި އެ ކާމިޔާބީ ތަކުރާރުކުރުމަކީ "އިމްޕޮސިބަލް" ކަމެއް ކަމަށެވެ.
"ހަޔާތުގައި އެއްފަހަރު ވާ ކަހަލަ ކަންކަން އެއީ ޓްރެބަލް ހޯދުން ކަހަލަ ކަންކަމަކީ. މިދިޔަ ސީޒަނުގައި ހޯދި ކާމިޔާބީ ތަކުރާރުކުރުމަކީ ދެން ނުވާނެ ކަމެއް. އެއީ އިމްޕޮސިބަލް ކަމެއް. މިދިޔަ ސީޒަނުގައި އަހަރުމެން ނިންމާލީ އާސުމާނުގައި. އެކަމަކު މިދިޔަ ދެ ދުވަހު ވިސްނުން ގެންގުޅުނީ އެ ހިސާބުން ފައިބަން. އެހިސާބުން ފޭބިއްޖެ ޗެރިޓީ ޝީލްޑްވެސް ގެއްލުމާއެކު. ދެން އަލުން އާ ސީޒަނަށް މަސައްކަތް ކުރުން އޮތީ،" ގާޑިއޯލާ ބުންޏެވެ.
ސިޓީން ޖެހިޖެހިގެން ހަތަރު ފަހަރަށް އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ހޯދައިފި ނަމަ، އެޓީމު ވެގެންދާނީ އެކަން ހާސިލްކުރާނެ ފުރަތަމަ ޓީމަށެވެ. އެކަމަށް ސިޓީން އާ ސީޒަނަށް ތައްޔާރުވީ ރަނގަޅު ޓްރާންސްފާތަކަކާވެސް އެކުގައެވެ. މި ސީޒަނުގެ ކުރިންވެސް ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ސްކޮޑެއް އޮތް ސިޓީން މި ސީޒަނަށް ވަނީ ޖޮސްކޯ ގްވާޑިއޯލް އާއި މަޓެއޯ ކޮވަސިޗް ފަދަ ކުޅުންތެރިން ޓީމަށް ގެންގޮސްފައެވެ.
ގާޑިއޯލާ ބުނީ އެ ދެ ކުޅުންތެރިންވެސް ޓީމަށް ހޭނި ތައްޔާރަށް ތިބި ކަމަށާއި ބާންލީއާ ދެކޮޅަށް ފެންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ