ޕީޕީއެމްގެ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ މަނިކުފާނު ފިޔަވައި އެހެން ކެންޑިޑޭޓުންނަށް ސަޕޯޓުކުރާ މީހުން ހައްޔަރުކޮށްފައި ކަމަށާއި މި ސަރުކާރުގައި އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޮލަމާފުށިން އެ މަނިކުފާނަށް ތާއިދުކުރި 18 މީހަކު ކުރީގެ ސަރުކާރުން ހައްޔަރުކުރި ކަމަށެވެ.

"މި ރަށުގެ ރައްޔިތުންނަށް އެކަން ވަރަށް ސާފުކޮށް ހާމަވާނެ. ވޯޓުލާން އޮތް ދުވަހުގެ ކުރީ ދުވަހު، އަޅުގަނޑު ހަނދާންވާ ގޮތުން އެއް ދުވަހުގެ ކުރިން އަޅުގަނޑުމެންގެ ކެމްޕޭނުގައި ހަރަކާތްތެރިވާ 18 މީހުން ޖަލަށްލި. ވޯޓުލެވޭނެ ގޮތެއް ނެތް. އަޅުގަނޑުމެން އެއާ ދޭތެރޭގައި މިއަދު ވިސްނަންވާނެ. ސާފުކޮށް މި ދަންނަވަނީ ކެމްޕޭން ކުރުމުގެ ފުރުސަތު 8 ކީއްކުރަންތޯ 12 ކެންޑިޑޭޓުން ކުރިމަތިލެއްވިޔަސް ފުރުސަތު އޮންނާނެ،" ރައީސް ވިދާޅުވިއެވެ.

2018 ވަނަ އަހަރު އެ މަނިކުފާން ކޮލަމާފުއްޓަށް ވެވަޑައިގެންނެވި ވައުދުތަކުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ އިތުރު ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކޮލަމާފުށި ބިން ހިއްކައި ފުލެޓު ހެދުމާއި، އުދާ އަރާ ސަރަހައްދު ރިވެޓްމެންޓް ޖަހައިގެން ހިމާޔަތް ކުރުމާއި، ސިއްހީ މަރުކަޒު މިނީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ އިތުރުން އައިސްޕްލާންޓުގެ ސްޓޯރޭޓް ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

މި ސަރުކާރުން ކުރަން ފަށައިފައިވާ އަދި ދެވަނަ ދައުރުގައި ކުރަން ރާވާފައިވާ ކަންތައްތައް ކުރުމަށް މި ސަރުކާރަށް ފުރުސަތު ލިބޭގޮތަށް ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓުލެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.