އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބު ބަލިކޮށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބު (ސަސް) އިން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
އިއްޔެ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ސަސްއިން ބުރު ކައިރިން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އިއްޔެގެ މެޗުގައި ސަސްގެ ދެ ގޯލުވެސް ޖަހައިދިނީ އަލީ ނަސޫހު (ޕިލާ) އެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުގައި ނުވަ ގޯލު ޖަހައިފައެވެ. އިއްޔެ ހޯދި މޮޅާއެކު ސަސްއިން ލީގު ތާވަލުގެ ދެވަނައަށް ޖެހިލީ އަށް މެޗުން 18 ޕޮއިންޓާއެކުގައެވެ. ކުރިން ދެވަނައިގައި އޮތް ކްލަބު އީގަލްސްއިން މިމަހުގެ 16 ވަނަ ދުވަހު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އެގައުމުގައި މެޗު ކުޅެން ޖެހުމާއެކު، އެޓީމުން މިހަފުތާގެ ލީގުގައި ކުޅެން އޮތް މެޗު ވަނީ ފަސްކޮށްދީފައެވެ. އީގަލްސް ސަސްއަށްވުރެ މެޗެއް މަދުން ކުޅެ ލިބިފައި ވަނީ 17 ޕޮއިންޓެވެ. އެއްވަނައިގައި އޮތް މާޒިޔާއިންވެސް ހަތް މެޗު ކުޅެފައިވާ އިރު، އެޓީމަށް ލިބިފައި ވަނީ 19 ޕޮއިންޓެވެ.
އިއްޔެ މެޗުން ބަލިވި ބުރު ފަސް ވަނައިގައި އޮތީ އަށްމެޗުން 12 ޕޮއިންޓާ އެކުގައެވެ، ހަތަރެއްގައި އޮތީ އަށް މެޗުން 13 ޕޮއިންޓް ހޯދާފައިވާ ޓީސީއެވެ. ޓީސީިން މި ހަފުތާ ކުޅެން އޮތް މެޗު އެޓީމަށް ލިބުނީ ގްރީން ސްޓްރީޓްސް މެޗަށް ހާޒިރުނުވުމުންނެވެ.
އިއްޔެގެ މެޗުގެ 22 ވަނަ މިނިޓްގައި ސަސްއިން ލީޑު ނެގިއެވެ. ކައުންޓަ އެޓޭކެއްގައި ސަސްއިން އުފެއްދި ހަމަލާގައި ޕިލާ ގޯލު ޖެހީ މުހައްމަދު ސަހާއު (ބޭލް) ދިން ބޯޅައެއްގައެވެ. ބޭލް ދިން ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލް ކުރުމަށްފަހު، ޕިލާ ވަނީ ހަމަޖެހިލައިފައި ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ. ސަސްގެ ދެވަނަ ގޯލު ޖެހީ މެޗުގެ 50 ވަނަ މިނިޓްގައެވެ. ސަސްއިން އެ ގޯލު ޖެހީ ކޯނަރެއްގައި ތަނަވަސްކުރި ފުރުސަތެއްގައެވެ. މުހައްމަދު އަލާއު ނެގި ކޯނަރު ބުރުގެ ގޯލްކީޕަރު އަބްދުﷲ އަރުޝަން އަތުން ދޫވެގެން ވެއްޓުމާއެކު، އެ ފުރުސަތުގެ ބޭނުން ހިފައި ބޯޅަ ގޯލަށް ވައްދާލީ ޕިލާއެވެ.
ލީގުގެ މެޗެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރުއެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ސަސްއާ ދެކޮޅަށެވެ.