ވެރިކަމުގެ ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ގއ. ގެމަނަފުށީ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އަރައިގައްތާގައި ރިސޯޓެއް ހަދައިދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ ރިޔާސީ ކެމްޕެއިނަށް ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގެމަނަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައެވެ.

"މިރަށާ ކައިރީގައި އޮތް އަރައިގައްތާގައި ރިސޯޓެއް އެޅުމަށްޓަކާ އަޅުގަނޑުމެން ބިޑަށް އެރަށް ލާނަން،" ރައީސް ވިދާޅުވިއެވެ.

ގެމަނަފުށީގެ ތަރައްގީއަށް ކުރަން ރާވަފައިވާ އިތުރު ކަންކަމުގެ ތެރޭގައި ހައުސިން ޔުނިޓު ހެދުމާއި މަސް ކިރައި ރައްކާކުރެވޭނެ ގޮތް ހަމަޖެއްސުމުގެ އިތުރުން 30 އެނދުގެ ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ކައުންސިލަށް އާ އޮފީސް އިމާރާތެއް ހަދައިދީ، ސްކޫލުގައި މަލްޓިޕާޕާސް ހޯލެއް ހަދައި، ރަށުގެ ބިން ހިއްކައި، މޫދަށް އެރޭ ސަރަހައްދެއް ހަދައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއަށް ރާއްޖޭގެ އެކި ހިސާބުތަކުގައި 25 މަޝްރޫއެއް ހިންގަމުން އަންނަ ކަމަށާއި އެ މަޝްރޫއުތަކުގެ ތެރޭގައި މަސްގަންނަ ޕޮއިންޓާއި މަސް ރައްކާކުރާނެ ނިޒާމު އަދި އައިސްޕްލާންޓުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

"ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ޖޫން މަހާ ހިސާބަށް އަންނައިރު އަޅުގަނޑުމެން ފަށައިފައިވާ މި މަސައްކަތް ނިމި އިރާދަކުރެއްވިޔާ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެ ރައްކާކުރެވޭވަރު އަޅުގަނޑުމެންނަށް ވާނެ،" ރައީސް ވިދާޅުވިއެވެ.