ވެރިކަމަށް އިންތިހާބުވެވަޑައިގަންނަވާ ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެއްޖެ ނަމަ، އެ މަނިކުފާނާ ވެރިކަން ހަވާލުކުރައްވާނަންތޯ ކުރެއްވި ސުވާލަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސީދާ ޖަވާބެއް ނުދެއްވިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ، ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޔާމީންގެ ކެންޑިޑެސީ ގަބޫލުނުކުރުމުން، އިދިކޮޅުން ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނީ މުއިއްޒެވެ.

ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕުން ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ޔާމީނާ ގުޅުވައިގެން މުއިއްޒާ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވައިފައެވެ. އެ ގޮތުން ޔާމީން މިނިވަންވެވަޑައިގަންނަވާ އިރު، ވެރިކަމުގައި ހުންނެވި ނަމަ އިސްތިއުފާ ދެއްވާނަންތޯ ނޫސްވެރިޔަކު ތަކުރާރުކޮށް މުއިއްޒާ ސުވާލުކުރިއެވެ.

"ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް. އަޅުގަނޑުމެން ހުރިހާ ކަމެއް ވެސް ކުރިއަށްގެންދަނީ ރައީސް ޔާމީންގެ މަޝްވަރާ ލިބިގެން،" ޖަވާބުގައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިންތިހާބު ކާމިޔާބުކޮށް، އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަންކުރުން ކަމަށާއި އެންމެ އިސް ޒިންމާ އަދި އެންމެ އިސް މަސައްކަތަކަށް ވާނީ އެ މަސައްކަތް ކަމަށެވެ.

"އެހެންވީމާ ސިޔާސީގޮތުން ހައްޔަރުކޮށް، ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި އެމަނިކުފާނު ހައްޔަރުކޮށްފައި ހުރި ހުރުން އަޅުގަނޑުމެން ނިމުމަކަށް ގެންނާނީ އިރާދަކުރެއްވިއްޔާ ސިޔާސީގޮތުން މި ޕާޓީއަށް، މި ކޯލިޝަނަށް ބާރުވެރިކަން ހޯދައިގެން. އެއީ އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ. އަޅުގަނޑުމެންގެ ދެ ޕާޓީގެ ހުރިހާ މެންބަރުން އަދި މި ގައުމު ދެކެ ލޯބިވާ ހުރިހާ މެންބަރުންގެ ކެންޑިޑޭޓަކީ ރައީސް ޔާމީން. އެންމެ ފުރަތަަމަ ރިޔާސީ ޓިކެޓެއް އެރުވުނީ އެމަނިކުފާނަށް. އެއީ ދިވެހިންގެ ރައީސް. އެމަނިކުފާނަކީ މި ގައުމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް އަޅުގަނޑުމެން ބޭނުންވާ ލީޑަރު،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ދެ ޕާޓީގެ ލީޑާޝިޕާއި މެންބަރުން އެކިއެކި ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެމަނިކުފާނު މިނިވަން ނުކޮށް، އެންމެ ފަހުން ކެންޑިޑެސީގެ ހައްގު ވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އިދިކޮޅުން އެހެން ކެންޑިޑޭޓެއް ނެރެން ޔާމީން ނިންމެވީ ދެ ޕާޓީ މަގުމަތިވިޔަ ނުދީ، ކުރަމުންދިޔަ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.