ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭސަންތައް ކުރަން ފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ކުރިއަށްގެންދާ "ކާޑިއަކް ވޯކްސޮޕް 2023" ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެވަޑައިގެން ނައިބު ރައީސް ފައިސަލް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ހާއްސަކޮށް އަތޮޅުތަކުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން ވަރަށް ބޮޑުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ސިއްހީ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ނައިބު ރައީސް ވިދާޅުވީ، ރާއްޖެއަށް ސިއްހީ ދާއިރާއިން ހޯދެމުން އަންނަ ކުރިއެރުންތަކުގައި، އާ ޓެކްނޮލޮޖީއާއެކު މަތީ ފެންވަރުގެ ހިދުމަތްތަކާއި ފަރުވާތައް ތައާރަފުކޮށް، ސިއްހީ ދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން ގިނަ މަސައްކަތްތަކެއްކޮށް ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއެކު ސިއްހީ ދާއިރާއިން ތައްޔާރުވާން ޖެހޭ ކަމަށާއި ހަމަ އެގޮތަށް ސިއްހަތަށް ރައްކާތެރިވެ ދިރިއުޅުމުގެ އާދަތަކާ މެދުވެސް ވިސްނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތަށް ބަލައި އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެންނަން ޖެހޭކަން ފައިސަލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމަށް އާންމު ސިއްހަތާއި ނަފްސާނީ ސިއްހަތަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރުކޮށްދިނުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބާއްވާ "ކާޑިއަކް ވޯކްސޮޕް 2023" އަކީ، ރާއްޖޭގައި ހިތުގެ ބަލިތަކާއި ފަރުވާތަކާ ގުޅޭގޮތުން ސްކޫލުތަކުގެ ދަރިވަރުންނަށާއި، ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދީ، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ވޯކްސޮޕެކެވެ.
މިއަދުގެ އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ "ކާޑިއަކް ޕޭސަންޓް ހޭންޑް ބުކް" ނެރެދެއްވައިފައެވެ. ރާއްޖޭގައި ހިތުގެ އޮޕަރޭސަނެއް އެންމެ ފުރަތަމަ ކޮށްފައިވަނީ، 08 އޮގަސްޓް 2018 ގައި އޭޑިކޭ ހޮސްޕިޓަލުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު