"ވިލުންވެރި ކަނބަލުން" ގެ ޕްރޮގްރާމުގައި ބައިވެރިވުމަށް 300 އަށްވުރެ ގިނަ ފާރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އެ ޕްރޮގްރާމަކީ އާބަންކޯ އާއި އެމްއައިޓީ ގުޅިގެން އަންހެނުންނަށް ހައްސަކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމުން ގޭގައި ގެންގުޅޭ ކަރަންޓު ސާމާނު ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތާއި މަރާމާތުކުރާނެ ގޮތް ދަސްކޮށް ދެވޭނެ ކަމަށް އާބަންކޯ އިން ބުނެއެވެ.

އާބާންކޯ އިން މިއަދު ބުނީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ "ވިލުންވެރި ކަނބަލުން" ވޯކްޝޮޕަށް އެ ކުންފުނިން ލަފާކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިފައިވާތީ، ހުރިހާ ބައިވެރިންނަށްވެސް ފުރުސަތު ދިނުމުގެ ގޮތުން އެ ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ ޖުމުލަ ނުވަ ބެޗަކަށް ބަހަލައިގެން ކަމަށާއި އެ ޕްރޮގްރާމުގައި ބައިވެރިވުމަށް 300 އަށްވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށެވެ.

އެ ވޯކްޝޮޕްގެ ކޮންމެ ބެޗަކަށްވެސް 35 ސްލޮޓް ދެވިފައިވާ އިރު، ބެޗުތައް ކުރިއަށްގެންދާނެ ތާރީހާއި ތަން ކަނޑައަޅަނީ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ބައިވެރިންނެވެ. އަދި ބެޗް އިހުތިޔާރުކުރުމަށް https://forms.gle/eb9a8udRfs1SZfzF6 ގޫގަލް ފޯމު ފުރިހަމަކުރުމުން، ރެޖިސްޓާ ކުރާ ތަރުތީބުން ފުރުސަތު ދެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އާބަންކޯ އިން ބުނީ ކޮންމެ ބެޗެއްގެ ބައިވެރިންނަށްވެސް ވަކިން އިރުޝާދުތައް ދެވިގެންދާނެ ކަމަށާއި ބެޗް އިހުތިޔާރުކުރުމުގެ އެންމެ ފަހު ތާރީހަކީ މާދަމާ މެންދުރުފަހު 2:30 ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ހުރިހާ ބެޗުތައް ނިމުމުން، ހުރިހާ ބައިވެރިންނަށް ސެޓްފިކެޓެއް ދިނުމަށް އާބަންކޯ އިން ވަނީ ނިންމައިފައެވެ.

އާބަންކޯ އިން ރާއްޖޭގެ އަންހެނުން ބާރުވެރިކުރުމަށް އެކި ކަހަލަ މަސައްކަތްތެރި ހުނަރުވެރި ޕްރޮގްރާމުތައް ހިންގަމުންގެންދެއެވެ. އަދި ހުޅުމާލޭގައި ހިންގާ އެކި ހަރަކާތްތަކުގައާއި ކާނިވަލް ފަދަ ތަންތަނުގައި އަންހެނުންނަށް ހާއްސަކޮށް ސްޓޯލްތަކާއި ވިޔަފާރި ފުޅާކުރުމަށް ކޮށްދެވެން ހުރި ކަންކަމަށް އަހައްމިއްޔަތުކަންދޭކަން މިދިޔަ މަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މިނިވަން އުފާ ކާނިވާ އިން ފާހަގަވެގެންދިޔައެވެ.