މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ އާއި ސްކޮޓްލޭންޑް މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ ހޯދަން ވެސްޓް ހަމްއިން 50 މިލިއަން ޕައުންޑްގެ ބިޑެއް ކޮށްފިއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ވެސްޓް ހަމްގެ ބިޑަށް މަޝްވަރާކުރުމަށް ޔުނައިޓެޑުން ވަނީ އެއްބަސްވެފައެވެ. އެހެން ނަމަވެސް، އުމުރުން 30 އަހަރުގެ މެގުއާ އާއި 26 އަހަރުގެ މެކްޓޮމިނޭއަކީ މިވަގުތު ޔުނައިޓެޑްގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިން ކަމަށްވުމާއެކު، އެ ދެކުޅުންތެރިން ނެތްތައް ފޫބެއްދުމަށް މިހިނގާ ޓްރާންސްފާ ސީޒަނުގައި އިތުރު މަސައްކަތްތަކެއް ކޮށްފައި ނޫނީ އެ ދެކުޅުންތެރިން ވިއްކާލަން ޔުނައިޓެޑުން ބޭނުން ނުވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ލެސްޓާ ސިޓީން 80 މިލިއަން ޕައުންޑްގެ އަގަކަށް ޔުނައިޓެޑަށް ބަދަލުވިފަހުން އިންގްލެންޑް ޑިފެންޑަރު މެގުއާއަށް ޔުނައިޓެޑާ އެކު މިހާތަނަށް ހޭދަކުރަން ޖެހިފައިވަނީ އުނދަގޫ ދުވަސްތަކެކެވެ. ހާއްސަކޮށް އޭނާގެ ފަރާތުން ގިނަ ގޯސްތައް ފެނިގެން ގޮސްފައިވާ އިރު، މިދިޔަ ސީޒަނުގައިވެސް ކުޅުނީ ޖުމުލަ 31 މެޗުގައެވެ. އެއީ ޔުނައިޓެޑުން ކުޅުނު 62 މެޗުގެ ތެރެއިންނެވެ. އޭގެ ތެރެއިންވެސް ޔުނައިޓެޑު ޖާޒީގައި މެގުއާ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި ކުޅުނީ އެންމެ އަށް މެޗެވެ.

މިދިޔަ ދެ ސީޒަނުގައި ޔުނައިޓެޑްގެ ކެޕްޓަނަކީ މެގުއާ ނަމަވެސް، މި ސީޒަނުގެ ކުރިން ކޯޗު އެރިކް ޓެން ހާގު ވަނީ އޭނާ އަތުން ކެޕްޓަން ބޭންޑް އަތުލައިފައެވެ. މިހާރު ޔުނައިޓެޑްގެ ކެޕްޓަނަކީ ބްރޫނޯ ފެނާންޑޭޒްއެވެ.

ވެސްޓް ހަމްއިން ޓްރާންސްފާއަކަށް ތައްޔާރުވަމުންދާ އިރު، އެޓީމުން މަސައްކަތް ކުރަމުންދަނީ މުހިއްމު ކުޅުންތެރިންތަކެއް ނެތްތައް ފޫބެއްދުމަށެވެ. ހާއްސަކޮށް މިދިޔަ ސީޒަނުގައި ޓީމުގެ ކެޕްޓަން ބޭންޑްގައި ކޮންފަރެންސް ލީގު ކާމިޔާބުކުރި ޑެކްލަން ރައިސް މިހާރު އާސެނަލަށް ބަދަލުވެފައިވުމާއެކު، އޭނާ ނެތްތައް ފޫބައްދަން ކްލަބުން ދަނީ މަސައްކަތް ކުރަމުންނެވެ.

ވެސްޓް ހަމްގެ އިޓަލީ ފޯވަޑް، ޖިއާންލޫކާ ސަމަކާވެސް ޓީމު ދޫކޮށްލަން ނިންމާފައިވާ އިރު، ވެސްޓް ހަމްއިން ދަނީ އެޑްސަން އަލްވަރޭޒް އެ ކްލަބަށް ގެންދިޔުމަށްވެސް މަސައްކަތް ކުރަމުންނެވެ.