ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް، ގދ. މަޑަވެލީ ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވައިފިއެވެ.

ރައީސް އެރަށުގެ ފެނުގެ ނިޒާމް އިފްތިތާހްކޮށްދެއްވީ، އެމަނިކުފާނުގެ ކެމްޕޭނަށް ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނަޑެއްލާއަށް ވަޑައިގެންނެވެ.

ރައީސް މިއަދު ވަނީ އެރަށު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތް ވެސް ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ.

މަޑަވެލީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑުންނެވެ.

އާބާދީގައި 2086 މީހުން ދިރިއުޅެމުން ގެންދާ މަޑަވެލީ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި ތިން އޯޕީޑީ ރޫމާއި ލެބޯޓްރީ، އީއާރު، ރިސެޕްޝަން އަދި ވެއިޓިން ރޫމާއި ޑްރެސިން އެންޑް އިޖެކްޝަން ރޫމް ހިމެނެއެވެ.