އޭނާގެ އިހުލާސްތެރިކަމާއި ތެދުވެރިކަމާ މެދު ފުކެއްގެ ޝައްކެއް އުފެދޭ މިންވަރުގެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެ ޔަގީންކަން ދެއްވީ ރައީސް ސޯލިހާއެކު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ކުޑަހުވަދޫގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިއީ ރައީސް ސޯލިހުގެ ރަނިން މޭޓު ކަމަށް ހަމަޖެއްސި ފަހުން އަސްލަމް ޕޯޑިއަމަކަށް އަރާ ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.

"އަޅުގަނޑަށް ފުރިހަމައަށް އިތުބާރު ކުރައްވާށޭ. އަޅުގަނޑުގެ އިހުލާސްތެރިކަމާ މެދު ފުކެއްވެސް, ފުކެއްވެސް, އަޅުގަނޑުގެ އިހުލާސްތެރިކަމާއި ތެދުވެރިކަމާ މެދު ފުކެއްގެ ޝައްކެއް އުފެދޭ މިންވަރުގެ ކަމެއްވެސް އަޅުގަނޑުގެ ފަރާތުން ފެނިގެން ނުދާނެއޭ," އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ރައީސް ސޯލިހު ދަންނަތާ 30 އަހަރު ވެއްޖެ ކަމަށާއި ނަމަވެސް ވޭތުވެދިޔަ 20 އަހަރަކީ އެ މަނިކުފާނާ ވަރަށް ކައިރިން ގިނަ މަސައްކަތްތަކެއް ކުރެވުނު ދުވަސްތަކެއް ކަމަށެވެ. އެހެންވެ ރައީސް ސޯލިހުގެ މަސައްކަތްޕުޅާއި މިޒާޖުފުޅާއި ކަންކަން ވަރަށް ގާތުން ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ, ރައީސް ސޯލިހުގެ ހުންނަ އެންމެ ކަމުދާ އެންމެ މުހިންމު ސިފައަކީ ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު ކަންކަން ނިންމަވަމުން ގެންދަވާ ގެންދެވުން ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ އެ މަނިކުފާނުގެ ލީޑާޝިޕާއި ގޮތް ނިންމެވުމުގައި ގެންގުޅުއްވި ހަރުދަނާ އުސޫލާއި ހަރުދަނާ ޝަހުސިއްޔަތު ކަމަށް ވިދާޅުވިއެވެ.