ކުރިއަށްއޮތް ދައުރުގައި ވެސް ދ. ކުޑަހުވަދޫގައި މަޝްރޫއުތަކެއް ކުރިއަށްގެންދަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދުއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަންނަ ދައުރުގެ ތެރޭގައި ވެސް ކުޑަހުވަދުއަށް ކޮށްދޭން ވައުދުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން ކުޑަހުވަދޫން ދޫކޮށްފައިވާ ގޯތިތަކަށް އަމާޒުކޮށްގެން ރަނގަޅު ހައުސިން ސްކީމެއްގެ ދަށުން ލުއިގޮތެއްގައި ލޯނު ލިބި، އެ ގޯތިތަކުގައި ގެދޮރު އެޅޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.

"އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ކުޑަހުވަދޫގައި އަޅުގަނޑުމެން އަޅައި، މި ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ އިތުރު ވަސީލަތްތައް އަޅުގަނޑުމެން ގާއިމުކޮށްދޭނަން. މިހާރު ހަދަމުންދާ މަގުތަކުގެ އިތުރަށް ބާކީ ހުރި ހުރިހާ މަގެއްގައި ތާރު އަޅައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިންމައިދޭނަން. ކުޑަހުވަދޫގައި އިސްލާމީ މަރުކަޒެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަޅައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދައުރުގައި ވެސް ކުޑަހުވަދުއަށް ވައުދުތަކެއްވެ، އޭގެ ތެރެއިން ގިނަ ކަންތައްތަކެއް ކޮށްދެވިފައިވާ ކަމަށާއި ނަމަވެސް ރައްޔިތުން ބޭނުންވާ ބައެއް ކަންތައްތައް މަޑުޖެހި، ލަސްވެފައި އެބަހުރި ކަމަށެވެ. އަދި އެކަން އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އެގޮތުން އަޅުގަނޑުމެން މި ރަށުގައި އެޅުމަށް ވައުދުވި 50 ހައުސިން ޔުނިޓުގެ މަސައްކަތް އަދި އޮތީ ނުފެށި. ބަނދަރު ބޮޑުކޮށް، މިހާރަށްވުރެ ރަނގަޅަށް ބަނދަރު ހެދުމަށް އަޅުގަނޑުމެން އޭރު އެ ވާހަކަ ދެއްކިން. އެކަން ވެސް އޮތީ އަދި ނުކުރެވި. މިހާރު އެ ދެ ކަންތައް ވެސް އޮތީ ޓެންޑާ ޕްރޮސެސްގައި. ޓެންޑާ ނިމުމާ އެކީގައި ބަޔަކާ ހަވާލުކޮށް، މި ރަށުގައި އަޅަން ޖެހޭ 50 ހައުސިން ޔުނިޓުގެ މަސައްކަތާއި، މި ރަށު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ވެސް ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހުގެ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން "އުފާވެރި ދިރިއުޅުން" ސިޔާސަތު ވަނީ އިއުލާންކޮށްފައެވެ. އެ ސިޔާސަތުގައި ހިމެނެނީ އިސްރަށްވެހިންނާއި ކުޑަކުދިންނަށް ބޭނުންވާ ކަންތައްތަކާއި، ތައުލީމީ ދާއިރާގައި ނުވެ ހުރި ކަންތައްތަކާއި، ކުރިއަށްއޮތް ތަނުގައި ބެލެނިވެރިންނާއި ރައްޔިތުންނާއި ދަރިވަރުން ބޭނުންވާ ކަންތައްތަކާއި، ސިއްހީ ދާއިރާއަށް ގެންނަ ބަދަލުތަކާއި، ކުޑަކުދިންނަށް ދީނީ އިލްމު ކިޔަވައިދިނުމާއި، ރާއްޖޭގައި ދީނީ އިލްމު ފުޅާކުރުމަށް ގެންގުޅޭނެ ސިޔާސަތުތަކާއި، ކުޅިވަރުގެ ދާއިރާގައި ބޭނުންވާ ކުރިއެރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަންހެންނުންނާ ބެހޭ ކަންތައްތަކެވެ.