އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ،

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި ރޭ އެދިއްޖެއެވެ.

ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރި އިރުވެސް ސިޓީއެއް މެދުވެރިކޮށް އެ ކަމަށް އެދިފައިވެއެވެ. ނަމަވެސް އެ ސިޓީ ހުށަހަޅާފައިވަނީ އިޖުރާއަތްތަކާ ހިލާފަށްކަމަށްވާތީ ހައިކޯޓުން އެ ސިޓީއަށް އޭރު ޖަވާބުދީފައެއް ނުވެއެވެ.

ހައިކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އާރަށް މައްސަލައިގައި ޔާމީނަށް އިއްވި މުޅި ހުކުމް ފަސްކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި އެ މަނިކުފާނުގެ ވަކީލުން ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރުމަށް ޔާމީން ފޯމު ހުށަހެޅުއްވި ނަމަވެސް އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާތީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެ ފޯމު ބަލައިނުގެންފައެވެ. އީސީގެ ނިންމުމަށް ސްޕްރީމް ކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ.

ހުކުމް ތަންފީޒު ކުރުން ލަސްކުރުމުގެ އަމުރެއް ނެރެދިނުމަށް ޔާމީން އެދިވަޑައިގެންފައި މިވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.