އެއްބަސްވުން އާކުރުމާމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕީއެސްޖީގެ ތަމްރީނުތަކުގައި ކިލިއަން އެމްބާޕޭ ބައިވެރި ނުކުރަން އެ ކްލަބުން ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.
އުމުރުން 24 އަހަރުގެ އެމްބާޕޭ، ކުރިއަށް އޮތް ސީޒަނުގައި ޕީއެސްޖީގައި މަޑުކުރަން ބޭނުންވާ ނަމަ، މިހާރުން މިހާރަށް އެއްބަސްވުން އާކުރަންޖެހޭ ކަމަށް ކްލަބުގެ ރައީސް ނާސިރު އަލް-ހެލައިފީ ވަނީ ވިދާޅުވެފައެވެ. އެމްބާޕޭ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ އަންނަ ސީޒަންގެ ނިޔަލަށެވެ. އެގޮތަށް އެއްބަސްވުން އޮތުމާއެކު، އެމްބާޕޭ ބުނީ އަންނަ ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލާނެ ކަމަށާއި އެއްބަސްވުން އިތުރަށް އާ ނުކުރާނެ ކަމަށެވެ.
އެހެންކަމަށް ވާނަމަ، އެމްބާޕޭ އެ ކްލަބު ދޫކޮށްލާނީ ހިލޭ ޓްރާންސްފާ އެއްގައެވެ. އެގޮތް ޕީއެސްޖީން ބޭނުންނުވާ އިރު، ހަބަރުތައް ބުނެފައިވަނީ ޕީއެސްޖީގެ ނަޒަރުގައި އެމްބާޕޭ ވަނީ އެ ކްލަބަށް ބޭވަފާތެރިވެފައެވެ. އަދި އަންނަ ސީޒަނަށްފަހު ހިލޭ ރެއާލް މެޑްރިޑަށް ދާން އެމްބާޕޭ މިހާރު އެއްބަސްވެފައިވާ ކަމަށް ޕީއެސްޖީ ދެކޭ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
އެ ހާލަތާއެކު އެމްބާޕޭ ވިއްކާލަން ޕީއެސްޖީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، ސައުދީގެ އަލް-ހިލާލުން ހުށަހެޅި ބޮޑު ބިޑަކަށް އެއްބަސްވެސްވެފައި ވެއެވެ. އެހެން ނަމަވެސް އެމްބާޕޭ ވަނީ ސައުދީއަށް ދާން އިންކާރު ކޮށްފައެވެ.
އެމްބާޕޭ ލައްވާ ގަދަކަމުން އާ އެއްބަސްވުމެއްގައި ސޮއިކުރުވަން ޕީއެސްޖީން މަސައްކަތް ކުރަމުންދާ އިރު، އެމްބާޕޭ އާ އެއްބަސްވުމެއްގައި ސޮއި ނުކޮށްފިނަމަ، އިތުރު އަދަބުތަކެއް ދޭންވެސް އެ ކްލަބުން ރާވާފައިވާ ކަމަށް ނޫސްތައް ބުނެއެވެ. ޕީއެސްޖީން އޭޝިއާއަށް ކުރި ދަތުރުގެ ސްކޮޑަށްވެސް އެމްބާޕޭ ނަގާފައިނުވާ އިރު، އެކަމާ ގުޅިގެން އެކިއެކި އިދާރާތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ޕީއެސްޖީން ވަކި ކަމަކަށް ކުޅުންތެރިޔާ އެއްބަސްކުރުވަން އަދަބު ދޭތީ، އެއީ މަސައްކަތްތެރިންގެ ގާނޫނުތަކާ ހިލާފުވާ ކަމަކަށް ވާތީއެވެ.
ޕީއެސްޖީން އެމްބާޕޭ ހިލޭ ދޫކޮށްލަން ބޭނުން ނުވަނީ 2017 ވަނަ އަހަރު އެ ކްލަބުން އޭނާ ހޯދަން ކުރި ބޮޑު ހަރަދުގެ ސަބަބުންނެވެ. އެ އަހަރު މޮނާކޯއިން އެމްބާޕޭ ގެންދަން ޕީއެސްޖީން ވަނީ 165.7 މިލިއަން ޕައުންޑްގެ އަގެއް ދައްކައިފައެވެ. އެމްބާޕޭއަކީ ތާރީހުގައިވެސް ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އެ ފަހުން ޕީއެސްޖީއަށް ކުޅުނު މެޗުތަކުގައި އެމްބާޕޭ ވަނީ ކްލަބު ރެކޯޑު 212 ގޯލު ޖަހައިދީފައެވެ. އެމްބާޕޭއަކީ ގިނަ ބައެއްގެ ނަޒަރުގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު