ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ ދަށުން ދައްކަވަން ޖެހޭ ފަސް މިލިއަން ރުފިޔާ ދައްކަވާފައިނުވުމުން، ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ 25 ޑިސެމްބަރު 2022 ގައެވެ. އެ ޖޫރިމަނާގެ ފައިސާ، ޔާމީން އަދި ދައްކަވައިފައެއް ނުވެއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހުކުމުގެ ދަށުން ދައްކަވަންޖެހޭ ފަސް މިލިއަން ޑޮލަރު ހުކުމުގައި ބުނާ މުއްދަތުގައި ޔާމީން ދައްކަވާފައި ނުވާ ކަމަށާއި މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ)އިން އެ ފައިސާ ދެއްކުމަށް އަންގައި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ފޮނުވި ނޯޓިސްއާ އެއްގޮތަށްވެސް ޔާމީން އެ ފައިސާ ދައްކަވާފައި ނުވާ ކަމަށެވެ.
"އެހެންކަމުން ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 50 ވަނަ މާއްދާގެ (ބ) ގެ ދަށުން، ކްރިމިނަލް ކޯޓުގެ ހުކުމުގައި ދައްކަން އަންގާފައިވާ ފައިސާ ހޯދުމަށް، ހުކުމް ތަންފީޒުކުރުމުގެ މައްސަލަ މި އޮފީހުގެ ފަރާތުން މިއަދު ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ..،" އޭޖީ އޮފީހުން ބުންޏެވެ.
ޖޫރިމަނާ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކުރި ހުކުމްގެ މުއްދަތު ހަމަވީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހަށެވެ. އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ޔާމީން ކުރިމަތިލެއްވުމަށް ހުށަހެޅި ކެންޑިޑެސީ ފޯމު ބާތިލު ކުރި މައްސަލަ، ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ފަނޑިޔާރުން ވެސް ވަނީ ޖޫރިމަނާގެ ފައިސާގެ ސުވާލުތަކެއް ޔާމީނާ ކުރައްވައިފައެވެ.
މިދިޔަ ހުކުރު ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ބުނެފައިވަނީ އާއްމު އުސޫލެއްގެ ގޮތުން ޖޫރިމަނާ ފައިސާ ދައްކަން އަންގަނީ މީރާއިން ކަމަށާއި އެފަދަ އެއްވެސް ލިއުމެއް މީރާއިން ފޮނުވާފައިނުވާ ކަމަށެވެ. އަދި ފައިސާ ދައްކައި ނިންމަންޖެހޭ ތާރީހެއް ނޭނގޭތީ އެ ފައިސާ ނުދައްކާ އޮތީ ކަމަށްވެސް ބުނެފައިވެއެވެ.
އާރަށާ ބެހޭގޮތުން ދަށު ކޯޓުން ކޮށްފައިވާ މުޅި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތުމުން އެ ހުކުމުގައި އޮތް ޖޫރިމަނާއަށް އިންކާރު ކުރެވުނީ ކަމަށް ދެކޭ ކަމަށާއި ޖޫރިމަނާ ފައިސާ ދެއްކުމަށް ހުކުމްގައި އޮތް ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުން އެދި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ޔާމީންގެ ފަރާތުން ބުނެފައިވެއެވެ.
ނަމަވެސް ސުޕްރީމް ކޯޓުން އިއްޔެ އިއްވި ހުކުމުގައި ވަނީ، އެ ފައިސާ މީރާއަށް ދައްކައި ހަލާސް ކުރަން ޖެހެނީ ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވާ އިރު، އެ ހަ މަސް ދުވަސް ފާއިތުވެގެންދިޔަ އިރު، އެ ފައިސާ މީރާއަށް ދައްކާފައިނުވާ ކަމަށެވެ.
އަދި "އެ ފައިސާ ދައްކަން އެންގި މީރާގެ ލިއުން ޔާމީން ބަންދު ކޮށްފައިވާ ޖަލަށް ފޮނުވައި އޭނާއާ ހަވާލު ކުރުމަށް ގެންދިއުމުން އެ ލިޔުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމާ ހަވާލުކުރުމަށް ކަރެކްޝަންސް އޮފިސަރުންގެ ގާތުގައި ބުނި ކަމަށް އެ އިދާރާގެ 6 ޖުލައި 2023 ގެ އިގުރާރުގައި ބަޔާންވެގެންވޭ އަދި އެ ލިއުމުގައި ޔާމީން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވޭ،" އިއްޔެގެ ހުކުމް ބިނާވި، ރައުޔު އިއްވަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު