މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމް ވާދަނުކުރުމަކީ މުޅި ގައުމާއި ހުރިހާ ރައްޔިތުންނަށް އެކަމުގެ ގެއްލުން ލިބިގެންދާނެ ކަމެއް ކަމަށްވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމުން، ޔާމީން ވަނީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އަންގަވައިފައެވެ.
ނަމަވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީން ވަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފައެވެ.
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ވިސްނުންފުޅު ދޫކޮށްލައްވައި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒަށް ތާއީދުކުރައްވަން އެމަނިކުފާނު ވަނީ ނިންމަވައިފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ދ. މީދުއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގެންވާނެ ކަމަށާއި ޕީޕީއެމުން މި އިންތިހާބުގައި ވާދަ ނުކުރުމަކީ އެ މަނިކުފާނު ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިން އެމްޑީޕީއަކީ ވެސް ވަކި މީހެއްގެ ފަހަތުން އެނބުރޭ ޕާޓީއެއް ކަމަށެވެ. ނަމަވެސް އެމްޑީޕީން މިހާރު ވަނީ އެ ސަގާފަތް ނައްތާލައި އެންމެންނަށް ހަމަހަމަ ފުރުސަތު ހޯދައިދީފައި ކަމަށް ވިދާޅުވިއެވެ.
އެ ހަމަހަމަ ފުރުސަތު ޕީޕީއެމްގެ މެމްބަރުންނަށް ވެސް އެބައޮތް ކަމަށާއި އެހެންކަމުން އެ މެމްބަރުން އެމްޑީޕީއަށް ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މީދޫގައި ހައުސިން މަޝްރޫއެއް ހިންގާނެ ކަމަށެވެ. އަދި އެ ރަށުގައި އޭޓީއެމްއެއް ބަހައްޓައި، އައިސްޕްލާންޓެއް ވެސް ބަހައްޓައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުދި ލޯންޗުފަހަރަށް ކައިރި ކުރެވޭ ގޮތަށް ބަނދަރު ތަރައްގީ ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވާދަވެރިންގެ ތެރެއިން އެންމެ ފުރަތަމަ އީސީއަށް ފޯމު ހުށަހެޅުއްވީ އެ މަނިކުފާނު ކަމަށެވެ. އެއީ ވެސް ހެޔޮފާލެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިނިމަމްވޭޖު، އާރްޓީއެލް އަދި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރާ ވާހަކަދެއްކެވުން، އެކަންކަމަކީ ނުވާނެ ކަންކަން ކަމަށް ވާދަވެރިން ބުނަމުން ދިޔަ ކަމަށާއި ނަމަވެސް ސަރުކާރުން ވަނީ އެކަންކޮށް، ވާދަވެރިންނަށް މި ސަރުކާރަކީ ކަންކަން ކުރެވޭ ސަރުކާރެއްކަން ދައްކުވައިދީފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު