އިންޑިއާ ގައުމީ ޓީމުތަކުގެ ނަތީޖާ ރަނގަޅު ކުރުމަށް ގައުމީ ޓީމަށް އެކަށީގެންވާ ތަމްރީނުތައް ބޭނުންވާ ކަމަށާއި އެކަމަށް ކުޅުންތެރިން ދޫކޮށްދޭން އާދޭހާއެކު އެދޭ ކަމަށް އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު، ކްރޮއޭޝިއާގެ އީގޯ ސްޓިމަކް އެދިއްޖެއެވެ.

އިންޑިއާ ގައުމީ ޓީމާއެކު ދާދިފަހުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ކޯޗު ސްޓިމަކް ވަނީ މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައިވެސް ގައުމީ ޓީމަށް ދެތަށި ކާމިޔާބު ކޮށްދީފައެވެ. އެއީ އަމިއްލަ ގައުމުގައި ބޭއްވި ދެ މުބާރާތެކެވެ. އެއީ ސާފް ޗެމްޕިއަންޝިޕް 2023ގެ އިތުރުން އިންޓަކޮންޓިނެންޓަލް ކަޕެވެ. އެ ދެ މުބާރާތުގައިވެސް މެދުއިރުމަތީގެ ވަރުގަދަ ޓީމުތަކުން ވާދަކޮށްފައިވާ އިރު، އިންޑިއާ ފެނުނީ ތަފާތު ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. ހާއްސަކޮށް އެ ޓީމުން އޭޝިއަން ކަޕަށް ރަނގަޅަށް ތައްޔާރުވަމުން އަންނަ ކަމަށް ނޫސްތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕް ހޯދައި، އިންޑިއާގެ ކޯޗު ސްޓިމަކް އެރޭވެސް މީޑިއާތަކަށް ބުނީ އިންޑިއާ ގައުމީ ޓީމަށް ތައްޔާރުވާން ވަގުތު ދޭންޖެހޭ ކަމަށާއި ޓީމަށް އެންމެ ބޮޑަށް ފައިދާ ކުރަނީ ދިގު މުއްދަތަކަށް ކޭމްޕް ކޮށްގެން ކަމަށެވެ. އަދި ސީޒަންގެ ތެރެއިން މުހިންމު މުބާރާތްތަކެއް އިންޑިއާ ގައުމީ ޓީމަށް މިފަހަރު އަންނާނެ ކަމަށާއި އޭޝިއަން ކަޕް ފަދަ މުބާރާތްތަކުގެ ކުރިން މަހެއްހާ ދުވަހަށް ކުޅުންތެރިން ދޫކޮށް ނުދީފިނަމަ، ނަތީޖާއަށް ޒިންމާ ނުނަގާނެ ކަމަށްވެސް ބުންޏެވެ.

ކުޅުންތެރިން ދޫކޮށްދޭން ކޯޗު ސްޓިމަކް ރަސްމީކޮށް އެދިފައިވީ ނަމަވެސް، ހަބަރުތައް ބުނެފައިވާ ގޮތުގައި ކްލަބުތަކުން އެކަމަށް މާބޮޑަށް އެއްބާރުލުމެއް ދޭކަށް ބޭނުމެއް ނުވެއެވެ. އިންޑިއާގެ ސުޕަ ލީގަކީ މިހާރު ވިޔަފާރި އުސޫލުން ކްލަބުތަކަށް ފައިދާ ކުރަމުންދާ ލީގަކަށްވުމާއެކު ގިނަ ދުވަސްތަކަކަށް ލީގު މެދުކަނޑާލުމަކީ ކްލަބުތަކުން ބޭނުންވާ ގޮތެއް ނޫން ކަމަށްވެސް ނޫސްތައް ބުނެއެވެ.

އެ މައްސަލަ ބޮޑުވެފައިވުމާއެކު ސްޓިމަކް ވަނީ ސޯޝަލް މީޑިއާގައި ކްލަބުތަކަށް އާދޭސްކޮށްފައެވެ.

ކްލަބުތައް ޓެގުކޮށް، ސްޓިމަކް ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ފުޓުބޯޅަ މި ވަގުތު އޮތީ ކުރިމަގަށް މުހިންމު ދަނޑިވަޅެއްގައި ކަމަށާއި މިހާރު އޮތް ސަގާފަތަށް ގައުމުގެ ފުޓުބޯޅަ ގެންދަން އެތައް ދުވަހަކު މަސައްކަތްތަކެއް ކޮށްފި ކަމަށެވެ. އަދި އިންޑިއާ ފުޓުބޯޅަ ކުރިއަށް އޮތް އަނެއް ހަރުފަތަށް ގެންދަން މި ދަނޑިވަޅު މުހިންމުވާނެ ކަމަށާއި އެކަމަށް މަސައްކަތް ކުރަން ޖެހޭނީ ކްލަބުތަކާވެސް އެކުގައި މަސައްކަތް ކޮށްގެން ކަމަށް ސްޓިމަކް ބުނެފައިވެއެވެ.

ސްޓިމަކް ބުނީ ކުރިއަށް އޮތް މަސްތަކުގައި ގައުމީ ޓީމަށް، އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތާއި އޭޝިއަން ގޭމްސްގެ އިތުރުން ވޯލްޑް ކަޕް ކޮލިފަޔާސް، އޭޝިއަން ކަޕް ވެސް އެބަ އޮތް ކަމަށާއި އެ މުބާރާތްތަކުގެ ކުރިން ގައުމީ ޓީމަށް ކުރިއާލާ ތައްޔާރުވާން ވަގުތު ބޭނުންވާނެ ކަމަށެވެ. ސްޓިމަކް އިތުރަށް ފާހަގަކުރީ އިންޑިއާ ގައުމީ ޓީމަށް ރަނގަޅު މެޗުތަކެއް ކޮންމެ މުބާރާތެއްގެ ކުރިންވެސް ބޭނުންވާނެ ކަމަށާއި ތައްޔާރުވާން ކްލަބު ފުޓުބޯޅައިން ބޭރުން ވަގުތު މުހިންމު ކަމަށެވެ.

އެ ވާހަކަތައް ފާހަގަކޮށް، ސްޓިމަކް ބުނީ ކްލަބުތަކަކީ އިންޑިއާ ފުޓުބޯޅައިގެ ކާމިޔާބީގެ އެންމެ މުހިންމު ހިއްސާދާރުކަން ގަބޫލުކުރާ ކަމަށާއި ކްލަބުތަކުން އަބަދުވެސް އިންޑިއާ ފުޓުބޯޅައަށް ވަރަށް ބޮޑަށް އެހީތެރިކަން ލިބެމުންދާ ކަމަށެވެ. ސްޓިމަކްގެ އާދޭސް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް ތިލަކޮށްލުމާއެކު، އޭނާއާއި ކްލަބުތައް އަދި އިންޑިއާގެ އެފްއޭ ދެބަސްވުމެއް ތެރޭގައި މަސައްކަތް ކުރަމުންދާ ކަމަށް ނޫސްތަކުން ވަނީ ސިފަކޮށްފައެވެ. އެކަން ހައްލުކުރުމަށް އިންޑިއާގެ ފުޓުބޯޅައިން ކްލަބުތަކާއެކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ބައެއް ނޫސްތައް ބުނެއެވެ.