މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމުން ބޮއިކޮޓް ނުކުރަން އެޕާޓީގެ ސެނެޓުން ނިންމައިފިއެވެ.
ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން ރައީސް ޔާމީން ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމުން ބޮއިކޮޓް ކުރަން އަންގަވައިފައެވެ
ޔާމީން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އެންގެވީ މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު އެމަނިކުފާނުގެ ވަކީލުން މެދުވެރިކުރައްވައި ޕީޕީއެމްގެ ލީޑާޝިޕަށް ދެއްވި ނޯޓެއްގައެވެ. އެ ނޯޓުގައި ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން އިންތިހާބު ބޮއިކޮޓް ކުރުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
އެހެންވެ އެ ނޯޓް ލިބުމާ އެކު، ޕީޕީއެމްގެ ލީޑާޝިޕުން ވަނީ މަޝްވަރާ ކުރައްވައިފައެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސެނެޓް ބައްދަލުވުމެއް ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ބާއްވައިފައެވެ.
އިންތިހާބު ބޮއިކޮޓް ކުރުމަށް ބައެއް ސެނެޓުން ދެކޮޅު ހެދުމާ ގުޅިގެން، ސެނެޓް ބައްދަލުވުން ހޫނުވެ، މެދުކަނޑާލަންވެސް ޖެހުނެވެ. ނަމަވެސް ފަހުން 1 ގަޑިއިރުގެ ބަހުސަކަށްފަހު ވަނީ ވޯޓަށް އަހައިފައެވެ.
ވޯޓަށް އެހުމުގެ ކުރިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ސެނެޓާއި ރައްޔިތުންގެ ރޫހު ހުރީ އިންތިހާބު ބޮއިކޮޓު ނުކުރަން ކަމަށް ފެންނާތީ އެކަމުގައި ރައީސް ޔާމީންގެ ލަފާފުޅެއް ހޯއްދެއްވުމަށް ގަސްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ވޯޓަށް އެހުމުން ސެނެޓް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 67 ސެނެޓަރުން ވޯޓު ދިނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރަން ފެންނަ ކަމަށް ވޯޓް ދިނީ 46 ސެނެޓުންނެވެ.
ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލް ވިދާޅުވީ ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހު، އެމަނިކުފާނު މިނިވަން ކުރެވެން އަންނަނީ އިންތިހާބުގައި ވާދަކޮށްގެން ކަމަށް ފެންނާތީ، އެގޮތަށް ރައީސް ޔާމީނަށް ލަވާ އަރުވަން ސެނެޓުން ނިންމާފައިވާ ކަމަށެވެ. އަދި ރައީސްގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށްވެސް ސެނެޓުން އިއްތިފާގުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު