އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ކެންޑިޑެސީ ފޯމް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރުއެވެ.
އީސީގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިލްޔާސްގެ ކެންޑިޑެސީ ފޯމާ އީސީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.
މި ރަސްމިއްޔާތުގައި އިލްޔާސްގެ ރަނިންމޭޓް ހުސެއިން އަމްރު އާއި ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް، އެ ޕާޓީގެ މުއައްސިސް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު (ޝިއްޕެ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި އިލްޔާސް ވިދާޅުވީ މި އިންތިހާބުގައި އިންސާފުވެރިކޮށް، ހަމަހަމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މި އިންތިހާބު ކުރިއަށް ގެންދިއުމުގައި ވީހާވެސް ޓްރާންސްޕޭރެންޓްކޮށް، ހުރިހާ ރައްޔިތުންނަށް ސާފުވާ ގޮތަށް އީސީން ވެސް ކަންކަން ކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
"ސަޕޯޓަރުންވެސް ވީހާވެސް ސުލްހަވެރިކަމާއެކީ މި އިންތިހާބު ކުރިއަށް ގެންގޮސް ނިންމުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް،" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސްގެ ރަނިންމޭޓަށް ހުސެއިން އަމްރު ހަމަޖައްސަވައި، އީސީއަށް ފޯމް ހުށަހަޅާފައިވާ އިރު، މީގެ ކުރިން ވަނީ އިލްޔާސްގެ ރަނިން މޭޓަކަށް ހަމަޖައްސަވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަމަށް އަޑު ފެތުރިފައެވެ. އަދި އީވާގެ ކުށުގެ ރެކޯޑު ސާފުކުރަން ވެސް ހުށަހެޅިއެވެ.
ނަމަވެސް އަމްރު، ރަނިން މޭޓަކަށް ހަމަޖައްސަން ނިންމެވިކަމުގެ އަޑުތައް ގަދަވީ، ރައީސް ނަޝީދާއި އިލްޔާސާއެކު ދ. އަދި ތ. އަށް ކުރެއްވި ދަތުރުފުޅުގައި އަމްރު ބައިވެރިވެވަޑައިގެންނެވި ހިސާބުންނެވެ.
ޑިމޮކްރެޓްސްއިން އިލްޔާސްގެ ކެންޑިޑެސީ ފޯމް މިއަދު ހުށަހެޅި އިރު، އެޕާޓީން އަންނަނީ އެހެން ޕާޓީތަކާ އެކު މަޝްވަރާ ކުރަމުންނެވެ. އެގޮތުން އެއް ކެނޑިޑޭޓަކު ނެރުމަށްވެސް ވަނީ ޕާޓީތަކާ އެކު މަޝްވަރާ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު