ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ.

ޖޭޕީއަށް މަހުމޫދު ޝައުގީ ސޮއިކުރައްވާފައިވަނީ މިއަދު ހެނދުނު އެކަމަށްޓަކައި މ. ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ގާސިމް ވަނީ އޭނާގެ އެޑްވައިޒަރަކަށް މަހުމޫދު ޝައުގީ ހަމަޖެއްސެވިކަން ވެސް އިއުލާންކުރައްވައިފައެވެ. މަހުމޫދު ޝައުގީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން ސިޔާސީ ދާއިރާއިން މަހުމޫދު ޝައުގީ ފެނިވަޑައިގެންފައެއް ނުވެއެވެ.

މަހުމޫދު ޝައުގީ ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ވިދާޅުވީ، ޝައުގީ އެމަނިކުފާނުގެ އެޑްވައިރަކަށް އިހުތިޔާރުކުރެއްވީ ގައުމު އޮތް ހާލަތު ސަލާމަތްކުރުމަށް ކަމަށާއި ގައުމެއްގައި އޮންނަންވީ މިނިވަންކަން ސާބިތުކަމާއެކު ރާއްޖޭގެ ވެރިކަން ކޮށްދެއްވާނެ ބޭފުޅެއްގެ އިންތިޒާރުގައި ރައްޔިތުން ތިބި ކަމަށެވެ. އަދި މި ސަބަބުތަކާ ހުރެ ތައުލީމީ ރޮނގުން މަތީ ފަންތީގެ ބޭފުޅުން ގައުމު ހިންގަން އިސްސަފުގައި ތިބުން މުހިންމު ކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.

ޝައުގީއަކީ ގާސިމްއާއެކު ކުރިން ކެބިނެޓްގައި މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެކި ސަރުކާރުތަކުގެ އެކި މިނިސްޓްރީތަކުގެ މަގާމުތައް މީގެ ކުރިން ފުރުއްވި ޝައުގީއަކީ ވަރަށް އަމާނާތްތެރި، ދިވެހި ރައްޔިތުން މީގެ ކުރިންވެސް ގަބޫލުކޮށްފައިވާ ބޭފުޅެއް ކަމަށެވެ.

"ގައުމު މިއަދު މިއޮތް ހާލަތު ސަލާމަަތްކުރުމަށްޓަކައި، އެއީ އަޅުގަނޑުމެންގެ ތަރައްގީ. އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ގައުމު ތަރައްގީކުރެވޭނީ އެކަންކަމުގެ އޮކްސިޖެން ލިބިގެން. ކޮބައިތޯ އޭގެ އޮސެޖެންއަކީ، އެއީ ގައުމެއްގައި އޮންނަންވާ ސިޔާދަތާއި މިނިވަންކަން، އިސްތިގުލާލު އަޅުގަނޑުމެން އަތްމަތީގައި އޮވެގެން. ސާބިތުކަމާއެކީގައި ހިޔާނާތްތެރިކަމެއް ނެތި ވެރިކަން ކޮށްދޭނެ މީހަކު ދިވެހި ދައުލަތަށް މަތިކުރެވިގެން،" އޭނާ ވިދާޅުވިއެވެ.

ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ، ވިލާ ސްކޮލާޝިޕް ފައުންޑޭޝަން ޕްރޮގްރާމް ފެށުނު ހިސާބުން ފެށިގެން ގާސިމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި ކެބިނެޓުގައިވެސް އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ގާސިމަކީ ގައުމަށް ހިޔާނަތްތެރިވާނެ ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ގާސިމަކީ ވަރަށް ބޮޑަށް ތައުލީމީ، ގާބިލު، ފަންނީ ބޭފުޅުން ހޮވައިގެން އުޅުއްވުމުގެ ތަޖުރިބާ ހުރި ބޭފުޅެއް. އެފަދަ ބޭފުޅުންގެ އެހީތެރިކަން ހޯއްދަވައިގެން، އިރުޝާދާއެކު ކަންކަން ކުރެއްވުމުގެ ގާބިލުކަން ހުރި ލީޑަރެއް. ރާއްޖޭގެ ރައްޔިތުން ބޭނުންވޭ ރާއްޖެއަށް ތަރައްގީ އަންނަން. އަޅުގަނޑުމެންގެ އުންމީދުތައް ވަރަށް މަތި. އެއީ ޓުއަރިޒަމްގެ ދާއިރާއިން ކަމަށްވިޔަސް، ފިޝަރީޒްގެ ދާއިރާއިން ކަމަށްވިޔަސް، އިޖުތިމާއީ އެތައް ދާއިރާއެއް ކަމަށްވިޔަސް، ގާސިމަކީ ވަރަށް ގިނަ ތަޖުރިބާތަކެއް، ވަރަށް ގިނަ ޒަމާންތަކެއް ކުރައްވާފައި ހުންނެވި ބޭފުޅެއް،" އޭނާ ވިދާޅުވިއެވެ.

ޝައުގީ ވިދާޅުވީ، ރައްޖޭގެ ސިޔާދަތު ހިފެހެއްޓޭނީ އެހެން ގައުމުތަކާއެކު ބެލެންސް ހިފެހެއްޓިގެން ކަމަށާއި ގައުމުގެ މިނިވަންކަން ހިފެހެއްޓޭނީ އެ ވިސްނުމާއި، އެކަމުގެ އަމަލީ ތަޖުރިބާއާއި ގައުމެއް ހިންގުމުގެ ގާބިލިއްޔަތުކަމާއި އިހުލާސްތެރިކަން ހުރި ބޭފުޅަކަށް ކަމަށެވެ. އަދި އެ ހުރިހާ ސިފައެއް ހުރި ލީޑަރަކީ ގާސިމް ކަމަށް ވިދާޅުވިއެވެ.