މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމުން ބޮއިކޮޓް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންގަވައިފިއެވެ.
ރައީސް ޔާމީން މިގޮތަށް އެންގެވީ ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޔާމީން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އެންގެވީ މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު އެމަނިކުފާނުގެ ވަކީލުން މެދުވެރިކުރައްވައި ޕީޕީއެމްގެ ލީޑާޝިޕަށް ދެއްވި ނޯޓެއްގައެވެ. އެ ނޯޓުގައި ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން އިންތިހާބު ބޮއިކޮޓް ކުރުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
އެނގިފައިވާ ގޮތުގައި އެ ނޯޓް ލިބުމާ އެކު، ޕީޕީއެމްގެ ލީޑާޝިޕުން ވަނީ މަޝްވަރާ ކުރައްވައިފައެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސެނެޓް ބައްދަލުވުމެއް މިހާރު ވަނީ ފަށައިފައެވެ.
ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީއެންސީން ވަނީ ބަދަލު ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވައިފައެވެ. ނަމަވެސް ޕީޕީއެމުން ވަނީ މުއިއްޒަކީ އެޕާޓީގެ ކެނޑިޑޭޓް ކަމަށް ނިންމާފައިނުވާނެ ކަމަށާއި މުއިއްޒަށް ތާއީދުކުރަން އެޕާޓީން އަދި ނިންމާފައިނުވާ ކަމަށް ބުނެފައެވެ.
ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ އީސީން އެމަނިކުފާނު ފޯމް ބަލައިނުގަންނަން ނިންމީ ރަނގަޅަށް ކަމަށެވެ. އެގޮތަށް ނިންމީ އެމަނިކުފާނަކީ 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅަކަށް ވުމުން، ޝަރުތުހަމަނުވާތީއެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ހުކުމްކޮށްފައިވީ އިރުވެސް، އެ ފައިސާ ދައްކަވާފައި ނުވާތީ، އެއީ ސާބިތު ދަރަންޏެއް ކަމަށް ބެލެވޭނެ ކަމަށް ކޯޓުން ހުކުމްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު