އަންނަ ސެޕްޓެމްބަރު މަހުގެ ނުވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޕީޕިއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހުށަހެޅުއްވި ފޯމު ގަބޫލުކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް، މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ، ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ހުސްނުއްސުއޫދު މިހެން ވިދާޅުވީ، ސާބިތު ދަރަންޏެއް ނުދައްކާ އޮތުމާ އެކު، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ ކެންޑިޑެސީ އީސީން ބަލައި ނުގަތް މައްސަލައިގައި، އެ މަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުމަށް ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިއްވެވި، ފަނޑިޔާރު ސުއޫދުގެ ރައުޔުގައެވެ.
މި މަހުގެ އެއްވަނަ ދުވަހު ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) އާއި (ޅ)އިން ކަނޑައަޅާފައިވާ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޔާމީންގެ ފޯމް އީސީން ބާތިލުކުރިއެވެ.
ގާނުނު އަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރާ މީހެއްގެ ސާބިތު ދަރަންޏެއް އޮވެގެންނުވާނެ ކަމަށެވެ. އެ މާއްދާގެ (ޅ)ގައި ބުނަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މައާފުކުރިތާ ތިން އަހަރު ކަމުގައިވުމެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ޔާމީން ގެންދަވަނީ 11 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލައިގައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާއެއްކޮށް އެ ފައިސާ ދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ގޯސްކޮށް ކަމަށް ބުނެ އީސީން ފާހަގަކުރި ނުކުތާއަށް ރައީސް ޔާމީންގެ ފަރާތުން، ޗެލެންޖު ކުރިއެވެ. އަދި ސާބިތު ދަރަނީގެ މައްސަލައިގައި ޔާމީނަށް ދައްކަން އެންގި ފަސް މިލިއަން ޑޮލަރު ހިމެނެނީ ސާބިތު ދަރަނީގެ ގޮތުގައި ނޫން ކަމަށާއި އެއީ ޖޫރިމަނާއެއް ކަމަށް ބުނެފައިވެއެވެ.
އެ ނުކުތާއަށް ޖަވާބު ދެއްވަމުން ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވީ، ޔާމީންނަށް އިއްވާފައިވާ ޖަލު ހުކުމާއެކު ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކަން ދިން ހަ މަސްދުވަހު މުއްދަތު ހަމަވެފައިވާ ކަމަށެވެ. އަދި އެ ފައިސާ ދައްކަން، ކަމާބެހޭ އިދާރާ، މީރާއިން ނާންގާ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް އެކަމާ ގުޅިގެން މީރާއިން ފޮނުއްވި ލިޔުން ޔާމީނާ ކަރެކްޝަނުން ހަވާލުކުރުމުން އެ ލިޔުން އެ މަނިކުފާނުގެ ވަކީލުންނަށް އެރުވުމަށް އެދި ކަރެކްޝަންސްގެ ލިޔުންތަކުގައި ސޮއިކުރައްވައި ޕިންގާ ޕްރިންޓް ޖައްސަވާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުން ސާބިތު ދަރަނި މާނަކޮށްފައިވަނީ މީހަކު އެހެން މީހަކަށް ދައްކަން ކޯޓު އަމުރަކުން ލައްވާ ކޮންމެ ފައިސާއަކީ ސާބިތު ދަރަންޏެއްގެ ގޮތުގައި ކަމަށާއި ކޯޓެއްގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ނަން ތަފާތު ވުމަކުން، ކޯޓުގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ގާނޫނީ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަަމަށްވެސް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވެފައިވެއެވެ.
"ޖިނާއިީ އުގޫބާތެއްގެ ގޮތުގައި ޝަރީއަތުން މީހެއްގެ މައްޗަށް ކަނޑައަޅައި ޖަލަށް ލުމުގެ އަދަބަކީ އެ މީހާ ޖިސްމާނީ ގޮތުން ތަހައްމަލް ކުރަންޖެހޭ އަދަބެއް. މިއާ ހިލާފަށް ޖޫރިމަނާގެ އަދަބަކީ އެ މީހާ މާލީ ގޮތުން އުފުލުމަށް ޖައްސާ ބުރައެއް. އެއީ އުފުލަންޖެހޭ އިލްތިޒާމެއް. ޖިނާއި އުގޫބާތެއްގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާގެ ފައިސާއާ މެދު މަތީ މަރުހަލާގެ ކޯޓަކުން ވަކި ގޮތަކަށް އަމަލުކުރަން އަންގާފައިނުވާ ހާލަތުގައި ކޯޓުން ކަނޑައަޅާފައިވާ ގޮތަށް އެ ޖޫރިމަނާ ފައިސާ ދައްކައި ހަލާސް ނުކުރުމުގެ ނަތީޖާއަކީ އެ ޖޫރިމަނާއަކީ ސާބިތު ދަރަންޏަކަށް ބަދަލުވެގެން ދިއުން. އެހެނީ އެ ޖޫރިމަނާއަކީ އޭނާ އުފުލުމަށް ކޯޓުން ސާބިތު ކޮށްފައިވާ އިލްތިޒާމެއް. އެ ޖޫރިމަނާ ނުދައްކާހާ ހިނދަކު އެއީ އޭނާގެ ކޮނޑުގައި އެޅިފައިވާ ސާބިތު ދަރަންޏެއް،" ފަނޑިޔާރު ސުއޫދުގެ ރައުޔުގައިވެއެވެ.
ޔާމީނަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށް ބުނެ އެ މަނިކުފާނުގެ ފަރާތުން ނެގި ނުކުތާގެ ޖަވާބުގައި ފަނޑިޔާރު ސުއޫދު ވިދާޅުވީ، ޖޫރިމަނާގެ އުގޫބާތް ކަނޑައެޅިފައިވާ މައްސަލަ މަތީ މަރުހަލާގެ ކޯޓުގައި އިސްތިއުނާފު ކުރުމަކީ އެ ޖޫރިމަނާގެ ފައިސާ ދައްކަން ނުޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސަރީހަ ނައްސުގައި އެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ މީހާގެ މައްޗަށް ލާޒިމުކޮށްފައިވޭ. މީގެ އިތުރުން ޖޫރިމަނާގެ ފަައިސާ ދެއްކުމަށް ކަނޑައަޅާފައި ވަނީ ކޯޓުގެ ނިންމުމަކުން ކަމަށްވާއިރު ކޯޓުގެ ނިންމުންތަކަށް ތަބާވުމަކީ ލާޒިމު ކަމެއް. މިކަން ކޯޓުތަކުގެ ގާނޫގައި ބަޔާންވެފައިވޭ. ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލުކުރުން ފަސް ކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފު ކުރާ ކޯޓަކުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މަގާމުތަކާ ހަވާލުވެ ތިބި މީހުންނާއި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި އެންމެހާ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމު ނިންމުމެއް،" ރައުޔުގައިވެއެވެ.
ޖޫރިމަނާގެ ތަފުސީލުތައް އެނގިފައި ނުވާ ކަމަށް ބުނުމާއި ޖޫރިމަނާ ކަނޑައަޅާފައިވާ، ކުރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކޮށްފައިވާ ކަމަށް ބުނުމަކީ އެ ޖޫރިމަނާ ސާބިތު ދަރަންޏެއް ނޫން ކަމަށް ބެލުމަށް ބުރަދަނެއް ދެވިދާނެ ސަބަބުތަކެއް ކަމަށް ނުދެކޭ ކަމަށްވެސް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކުރި ނުކުތާއަކީ ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ދަށު ކޯޓުން ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް ޔާމީންގެ ފަރާތުން ފާހަގަކުރި ނުކުތާއެވެ. އެ ނުކުތާގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމަވާފައިވާ ބައެއް ނިންމުންތަކާ ހަވާލާދީފައެވެ.
މި ނުކުތާކުގެ ޖަވާބުގައި ފަނޑިޔާރު ސުއޫދު ވިދާޅުވީ، މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް ޔާމީންގެ މިހާރުގެ ހާލަތާ އަޅައި ނުކިޔޭނެ ކަމަށެވެ. އެ ހުކުމްތަކަކީ އެ މީހުންގެ ވަޒީފާއާ ގުޅޭ މައްސަލަތަކެއް ކަމަށާއި އެއީ މުސްތަގުބަލުގައި ލިބިދާނެ މަގާމަކާ ގުޅޭ މައްސަލައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނާ ވާހަކަ އެއީ ނިހާއީ ހުކުމެއް ގޮތުގައި މާނަ ނުކުރެވޭނެ ކަމަށާއި އެ މާއްދާ ފާސްކުރުމުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކޮމެޓީގެ ނިޔަތަކީ ޖަލުގައި ހުކުމެއް ތަންފީޒުކުރާ މީހުންނަށް އެ ފުރުސަތު ނުދިނުން ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއް އައިސްފި ނަމަ، ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރެން އިތުރު ފުރުސަތު ދޭން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމަރު ކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި ރިއާޔަތްކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ހުކުމް އިއްވީ ފަނޑިޔާރު ހުސްނުއް ސުއޫދުގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރައްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު