ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑެސީ ފޯމު ދެންމެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މި ފޯމު ހުށަހެޅުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ ކެންޑިޑެސީ ފޯމު އީސީގެ ރައީސް ފުއާދު ތައުފީގާ ހަވާލުކޮށްދެއްވީ، ރައީސް ސޯލިހުގެ އިންތިހާބީ އެޖެންޓް، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމެވެ.
ރައީސްގެ ކެންޑިޑެސީ ފޯމު ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އަލީ މައުރޫފާއި، އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބްރޭ)، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ އިތުރުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ފޯމު ހުށަހަޅާ ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ފޯމު ބަލައިގަތްކަން ހުށަހެޅި ފަރާތަށް ގާނޫނީގޮތުން އިލެކްޝަންސް ކޮމިޝަނުން ޖަވާބު ދޭނެ ކަމަށެވެ.
ހަބީބު ވިދާޅުވީ ކެންޑިޑެސީ ފޯމު ގަބޫލު ނުކުރާ ކަމަށް ކަނޑައަޅާނީ އިންތިހާބަށް ފުރިހަމަވާން ޖެހޭ ޝަރުތެއް ފުރިހަމަ ނުވާނަމަ ނުވަތަ އިންތިހާބަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި ފުރިހަމަ ނުވުމުން ކަމަށެވެ. އަދި ގަބޫލު ނުކުރި ސަބަބު އެކަން ލިޔުމުން ހުށަހެޅި ފަރާތަށް އަންގާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ކެންޑިޑެސީ ފޯމު ހުށަހަޅާފައިވާ އިރު، އެންމެ ފުރަތަމަ ކެންޑިޑެސީ ފޯމު ހުށަހެޅީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް އެމަނިކުފާނުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އީސީން ވަނީ ބަލައިނުގަތުމަށް ނިންމައިފައެވެ.
އެހެންވެ އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ހުކުރު ދުވަހު ބާއްވާފައިވާ އިރު، މިއަދު ހެނދުނު 10:00ގައި ވަނީ އެ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ އަޑުއެހުން ފަށައިފައެވެ. ނަމަވެސް އަދި އެ މައްސަލައިގެ ހުކުމް އިއްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު