އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތް މައްސަލައިގައި ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށު ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު އެމަނިކުފާނުގެ ހަމަނުވާ ކަމަށް އީސީން ނިންމީ މިދިޔަ އަންގާރަ ދުވަހުއެވެ.
ސަބަބެއް ކަމަށް ބުނެފައިވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށްވުމާއި، އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީއެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ، އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.
ކެންޑިޑެސީ ބަލައިނުގަތް މައްސަލައިގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަނެ، އެ މައްސަލައިގެ އަޑުއެހުންތައް ސްޕްރީމް ކޯޓުގައި އިއްޔެ ވަނީ ކުރިއަށްގެންގޮސް ނިންމާލައިފައެވެ. އެ މަައްސަލައަށް ސުޕްރީމް ކޯޓުން ވަނީ ބަންޑާރަ ނައިބުގެ އޮފީސް ތަދައްހުލުކޮށްފައެވެ. އަދި ޕީޕީއެމުން މައްސަލައަށް ތަދައްހުލުވާން އެދުމުން އެ ފުރުސަތު ޕާޓީއަށް ވެސް ވަނީ ދީފައެވެ.
ރެއާ ހަމައަށް ދިގުލައިގެން ދިޔަ އަޑުއެހުންތައް ނިންމަވައިއްލަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ، އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ހުކުމްކުރުމުގެ އަޑުއެހުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު