އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަކީ ޕީޕީއެމްގެ ކެނޑިޑޭޓް ކަމަށް ނިންމާފައިނުވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މިއަދު ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ޕީއެންސީގެ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓް ކަމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.

"ޕީޕީއެމްގެ ޕްލޭން ބީ އެއް ވުޖޫދުކޮށް ޕީއެންސީއިން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމަށް ނިންމައިފި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެކެވެ. ޕީޕީއެމްގެ ފަރާތުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އެންޑޯޒް ކުރަން ނިންމައި ޕީޕީއެމްގެ ޕްލޭން ބީއެއްގެ ގޮތުގައި ވުޖޫދުކޮށްފައި ނުވާނެ ވާހަކަ ދެންނެވީމެވެ،" ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ޕީޕީއެމުން ޕްލޭން ބީ ނުވަތަ ސީ އަކާމެދު ވިސްނާނީ، އެ ޕާޓީގެ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ވާދަ ނުކުރެއްވޭނެ ހާލަތެއް މެދުވެރިވުމުން އެކަނި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޔާމީންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުމުން ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބާތިލުކޮށްފައެވެ. ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އިއްޔެއިން ފެށިގެން ރެއާ ހަމައަށް އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމަށްފަހު މިހާރު ވަނީ ހުކުމް ކުރުމުގެ މަރުހަލާގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕީއެންސީގެ މަޝްވަރާ މަޖިލީހުން، ޑރ. މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭން ފާސްކުރީ، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވިއްޖެ ނަމަ، އެ ކޯލިޝަނުން ވާދަކުރާނެ ބެކަޕް ކެނޑިޑޭޓެއްގެ ގޮތުގައެވެ.

ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ގޮތެއްގެ ސަބަބުން އެ މަނިކުފާނަށް ކެންޑިޑެސީ ހުށަނޭޅޭނެ ހާލަތެއް ދިމާވެއްޖެ ނަމަ، ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ހުށަހެޅުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެމައްސަލައިގައި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

އެކަމާ ގުޅިގެން ޕީޕީއެމް އާއި ޕީއެންސީގެ ބައެއް މެންބަރުން ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ބައެއް މެންބަރުން ބުނީ، މުއިއްޒަށް ޕީއެންސީގެ ޓިކެޓް ދިނީ، ރައީސް ޔާމީންގެ ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ޕްލޭން ބީގެ ގޮތުގައި ޕީޕީއެމްގެ އިތުރު ކެނޑިޑޭޓެއް ނެރެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއް އައިސްފިނަމަ، މުއިއްޒު ފިޔަވައި އެހެން ކެނޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމުގެ އިންޒާރުވެސް ބައެއް މެންބަރުން ވަނީ ދީފައެވެ.

ނަމަވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

"ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ތަދަހުލުވެ ވަކާލާތު ކުރަމުން މިދަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑަސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނުއަސާސީ ނުބައިކޮށް ތަތުބީގުކޮށްގެން ކަމާއި ޔާމީންގެ ކެންޑިޑަސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޢަމަރުކޮށްދިނުމަށެވެ. ހަމައެއާއެކު، ޕީޕީއެމްގެ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭނަމަ، ޕީޕީއެމަށް ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ލިބިދިނުމަށެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.