ބްރައިޓަންގެ ގޯލްކީޕަރު ރޮބާޓް ސަންޗޭޒް ގެންދަން ޗެލްސީން އެއްބަސްވުމަކަށް އައިސްފައިވާ އިރު، މޮނާކޯގެ ޑިފެންޑަރު އެކްޒެލް ޑިސާސީވެސް ޗެލްސީން އިއުލާނުކޮށްފިއެވެ.

ޗެލްސީން ބްރައިޓަންގެ ސްޕެއިން ގޯލްކީޕަރު، އުމުރުން 25 އަހަރުގެ ސަންޗޭޒް ގެންދަން އެއްބަސްވެފައިވާ އަގަކީ 25 މިލިއަން ޕައުންޑްގެ އަގެކެވެ. އެހެން ނަމަވެސް، ބޯނަސްތަކާއެކު އެ އަގު އިތުރަށް މައްޗަށް ޖެހޭނެ ކަމަށް ބެލެވެއެވެ. ޗެލްސީން ސަންޗޭޒް ގެންގޮސްފައިވަނީ އެޓީމާއެކު މިދިޔަ ތިން ސީޒަން ހޭދަކުރި އެޑުއާޑް މެންޑީ، ސައުދީ އަރަބިއާގެ އަލް-އަހްލީއަށް ބަދަލުވުމާއެކުގައެވެ.

ސަންޗޭޒް އަކީ މިދިޔަ ސީޒަނުގައި ބްރައިޓަންއަށް ރަނގަޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. މިހާރު ޗެލްސީގެ އެއް ނަންބަރު ގޯލްކީޕަރެއްގެ ގޮތުގައި ހުރި ކެޕާ އަރީޒާބަލާގާއަށް ސަންޗޭޒް ޗެލެންޖެއް ދޭނެ ކަމަށް ބެލެވެއެވެ. ސަންޗޭޒައަކީ ޗެލްސީގެ ކޯޗިން ޓީމަށްވެސް އާ ގޯލްކީޕަރެއް ނޫނެވެ. އޭނާ ވަނީ ޗެލްސީގެ ގޯލްކީޕަރު ކޯޗު ބެން ރޮބާޓްސްއާއެކު ކުރިން ބްރައިޓަންގައިވެސް މަސައްކަތްތަކެއް ކޮށްފައެވެ.

ސަންޗޭޒް ބްރައިޓަން ދޫކޮށްލަން ނިންމާފައިވަނީ ގިނަ ދުވަސްތަކެއްވަންދެން އެ ކްލަބުގައި ހޭދަކުރުމަށްފަހުއެވެ. އުމުރުން 15 އަހަރު ސަންޗޭޒް ބްރައިޓަންގައި ހޭދަކޮށްފައިވާ އިރު، އޭނާ އެ ކްލަބާ ގުޅިފައިވަނީ 2013 ވަނަ އަހަރު ލެވަންޓޭއިންނެވެ.

އޭގެ ފަހުން ސަންޗޭޒް ވަނީ ލޯން އެއްބަސްވުމުގައި ފޮރެސްޓް ގްރީންއާއި ރޮޗްޑޭލްގައިވެސް ދުވަސްތަކެއް ހޭދަކޮށްފައެވެ. ސަންޗޭޒް 2020 ވަނަ އަހަރު ބްރައިޓަންގެ ސީނިއާ ޓީމަށް ކުޅުން ފަށައި، މިދިޔަ ދެ އަހަރު އޭނާ ވަނީ ފުރަތަމަ 11 ގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ޗެލްސީން މިއަދު ވަނީ އަލަށް ކްލަބަށް ގެންދިޔަ ފްރާންސްގެ ޑިފެންޑަރު ޑިސާސީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. މޮނާކޯއިން ޗެލްސީއަށް ޑިސާސީ ގެންދިޔައީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އުމުރުން 25 އަހަރުގެ ޑިފެންޑަރުގެ ސޮއި ޗެލްސީން ހޯދާފައިވަނީ 38.57 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ޗެލްސީން ޑިސާސީ ގެންދަން ވިސްނާފައިވަނީ އެޓީމަށް މިދިޔަ ސީޒަނުގައި ގެންދިޔަ ޑިފެންޑަރު ވެސްލޭ ފޮފާނާ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރަށް ދާން ޖެހިފައިވުމާއެކުގައެވެ.

ޑިސާސާއަކީ މިދިޔަ ސީޒަނުގައި މޮނާކޯއިން ކުޅުނު 38 މެޗުގައިވެސް ކުޅެފައިވާ ޑިފެންޑަރެކެވެ. މިހާތަނަށް ފްރާންސް ގައުމީ ޓީމަށް ހަތަރު މެޗެއް ކުޅެފައިވާ ޑިސާސީ ވަނީ މިދިޔަ އަހަރު ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށްވެސް ކުޅެފައެވެ.