އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ތެރޭގައި ހިމެނޭ ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށްޓަކައި އެ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ނާއިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއަށް މިއަދު ސޮއިކުރައްވައިފިއެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރުފަހުގެ 2:00 އަށް ހުޅުވާލާފައިވާއިރު، އެ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ޓިކެޓު ކާމިޔާބު ކުރެވޭނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. އޭނާއަކީ ރައީސް އަބްދުﷲ ޔާމީންގެ ހުރިހާ ކަމެއްގައި އެ މަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް މިއަދާ ހަމައަށް މަސައްކަތް ކުރަމުން އައި މީހެއް ކަމަށާއި ރައީސް ޔާމީންގެ ކެބިނެޓް މިނިސްޓަރަކަށް ހުންނެވިއިރުވެސް އަދި މިހާރުވެސް އެ މަނިކުފާނުގެ ފިކުރާއި ތަރައްގީގެ ވިސްނުފުޅު ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސަށްޓަކައި ޕާޓީން ކުރާ މަސައްކަތްތަކުގައިވެސް ފެށުނީއްސުރެން ބައިވެރިވަމުން، އަޅުގަނޑުގެ ހިތުގެ އަޑިން މަސައްކަތް ކުރަމުން މިދަނީ، އަޅުގަނޑު މި ދައްކަނީ ތެދު ވާހަކަކަން ޕާޓީގެ ހުރިހާ މެންބަރުންނަށް އެނގޭނެ، އަމަލީ ގޮތުންވެސް އަޅުގަނޑު މިދަނީ އެކަން ދައްކަމުން،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ޓިކެތް ކާމިޔާބު ނުވެއްޖެ ނަމަ، ޓިކެޓް ކާމިޔާބުކުރާ މީހާއަށް ތާއީދު ކުރަންޖެހޭނެ ކަމަށާއި އެ އުސޫލުން ރިޔާސީ ޓިކެޓް ކާމިޔާބުކުރާ މީހާއާއެކު އޭނާވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރައީސް ޔާމީން ސަލާމަތްކުރުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ. ޓިކެޓު ދޭނެ ބޭފުޅަކު ނިންމާނީ މިއަދު ހަވީރު 4:00 ގައި ބާއްވާ ޕީއެންސީގެ މަޝްވަރާ ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓަކުންނެވެ.