ބޮޑުތިލަދުންމައްޗަށް ދެންވެސް ބޮޑު ބަދަލު ގެންނާނީ އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، 1991 ވަނަ އަހަރު ހަނިމާދޫގައި އެއާޕޯޓެއް އެޅުމުން ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި ދަތުރުފަތުރު ފަސޭހަވާނެ ކަމަށް ރައްޔިތުން އުންމީދުކުރި ކަމަށެވެ.

ނަމަވެސް މި ވޭތުވެދިޔަ އަހަރުތަކުގައި އެ އެއާޕޯޓް ހިންގަމުން އައީ އޭރު އެ އަޅާލީ ތާރުކޮޅުގެ މަތީގައި ކަމަށާއި އެއާޕޯޓުގެ ނަންބޯޑު އިންޓަނޭޝަނަލްއަށް ބަދަލުކޮށްލުން ފިޔަވާ، މިއަދާ ހަމައަށްވެސް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.

"ނަމަވެސް މިއަދު ހަނިމާދޫ އެއާޕޯޓް ބަދަލުވަމުން އެ ދަނީ 1.5 މިލިއަން ފަތުރުވެރިން ގެނެވޭވަރުގެ އެއާޕޯޓަކަށް. އެ އެއާޕޯޓަށް ލަސްތަކެއް ނުވެ ވައިޑް ބޮޑީޑް ފްލައިޓް ޖައްސާނެ،" ރައީސް ވިދާޅުވިއެވެ.

ސިޔާސީ ހަމަޖެހުން ނެތިއެއް އިގުތިސާދީ އެއްވެސް މަންފާއެއް ނުކުރާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރު ތެރޭ ހދ. އަތޮޅުގައި ހިންގުނީ 79 މަޝްރޫއެއް ކަމަށެވެ.

ނަމަވެސް މި ފަސް އަހަރުގެ ތެރޭގައި 235 މަޝްރޫއެއް ކުރިއަށްދާ ކަމަށާއި ހަނިމާދޫއަށް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 510 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޕީޕީއެމްގެ ސަަރުކާރާއި މި ސަރުކާރު ރައްޔިތުން ޓެސްޓުކޮށްފި ކަމަށާއި ޕީޕީއެމުން ކޮންމެ ކެންޑިޑޭޓެއް ނުކުތް ނަމަވެސް ތަންފީޒު ކުރާނީ އެ ޕާޓީގެ ސިޔާސަތު ކަމަށެވެ.

"އެ ސިޔާސަތު އަޅުގަނޑުމެންނަށް ވަރަށް ސާފު. އެއްވެސް ކަމެއް އެ ސަރުކާރަކަށް ނުުކުރެވޭ ހިޔާލު ތަފާތުވާ މީހަކު ޖަލުގައި ބަންދައިގެން ނޫނިއްޔަކާ. ބިރުވެރިކަމެއްގައި ރައްޔިތުން ތިބެންޖެހުނީ. އަނގައިން ބުނާ ކޮންމެ މީހަކު، ކޮންމެ ނޫސްވެރިޔަކު. ކޮންމެ ޓީވީ ޗެނަލެއް ޖޫރިމަނާކުރަމުން ގެންދިޔައީ،" ރައީސް ވިދާޅުވިއެވެ.

"އެކަމަކު މިއަދުވެސް މި ކުރަނީ ވެރިކަމެއް. އެއްވެސް މީހަކު ބަންދެއް ނުކުރަން ސިޔާސީ ބޭނުމަކު. ނޫސްވެރިޔަކު ސުވާލެއް ކޮށްލަންވެސް ބަންދުގައި ބައިންދާފައެއް ނީންނާނެ. ވިސްނަނަވަންވީ މި ދެންނެވި ގޮތަށް އެހެން ބަޔަކު ވެރިކަމަށް އަތުވެއްޖެއްޔާ ދެން ވެގެންދާނެ ގޮތް. ފެށިފައި މިހުރި ހުރިހާ މަޝްރޫއެއް ހުއްޓުމަކަށް ގެންނާނެ. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ އެ ބޭފުޅުންގެ ސިޔާސަތު. ބާރުތައް އެއްތަނަކަށް ޖަމާކުރުން. މީހުން އެއްތަނަކަށް ޖަމާކުރުން. މުޅި ދިވެހިރާއްޖޭގެ ސިފަ ނައްތާލުން،"

ސެޕްޓެމްބަރު ނުވައެއްގައި ނުކުމެ ޓެސްޓުކޮށް ނިންމާފައި އޮތް މި ސަރުކާރަށް ވޯޓު ދެއްވުމަށް އެދިވަޑައިގެން ރައީސް ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ދެންވެސް ބޮޑު ބަދަލު ގެނެވޭނީ މި ސަރުކާރަށް ކަމަށާއި އެ ވިޝަނާއި އެ މިޝަން އިދިކޮޅުގައި ނެތް ކަމަށެވެ.