ހދ. ހަނިމާދޫން ޢަލީ ޔާމީން (ވަން އޮންލައިން)
ދިވެހިން ދުވަންވީ ތަރައްގީ ގެނެސްދެވޭނެ ވެރިއެއްގެ ފަހަތުން ކަމަށް، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް މި ރަށަށް ވަޑައިގެން މި ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ސިޔާމް ވިދާޅުވީ، ކުރީގެ ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިހުގައިވެސް މަސައްކަތްކުރައްވާފައިވާނެ ކަމަށާއި ނަމަވެސް ރައީސް ސޯލިހަށްވުރެ އޯގާވެރި އަދި ކެތްތެރި ވެރިޔަކު ފެނިވަޑައިގެންފައިނުވާ ކަމަށެވެ.
ސިޔާމް ވިދާޅުވީ، ދިވެހިން ވިސްނަންވީ އަމިއްލަ ހާލަތަށް ކަމަށާއި ސިޔާސީ ވަކި މީހެއްގެ ފަހަތުން ދުވަން ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން ދުވަން ޖެހޭނީ ތަރައްގީ ގެނެވޭނެ ވެރިއެއްގެ ފަހަތުން،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ތަރައްގީ ގެންނަ ވެރިއެއްގެ ފަހަތަށް ނާރައިފިނަމަ ރާއްޖޭގެ ހާލަތު އިތުރު 100 އަހަރު ފަހަތަށް ސޮއްސާލައިގެން ގޮސްދާނެ ކަމަށެވެ.
ސުލްހަ މަސްލަހަތު ނެތް ކަމުގައިވަނީނަމަ ރާއްޖެއަށް ބޭނުންވާ ތަރައްގީ ނުގެނެވޭނެކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖެއަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދީފި ކަމަށެވެ.
ސިޔާމް އިތުރަށް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމުމުން، މި ސަރަހައްދުގެ ރަށްރަށުގެ ރައްޔިތުންގެ ޖީބު ބަރާކުރާ ވަރަށް ފައިސާ ލޯކަލް ޓޫރިޒަމުން ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު