ހދ. ހަނިމާދޫން ޢަލީ ޔާމީން (ވަން އޮންލައިން)

މި ރަށުގައި ތަރައްގީކުރި ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މި ރަށުގެ ބަނދަރު ރައީސް ހުޅުއްވައިދެއްވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް މިއަދު ހަވީރު ވަޑައިގެން ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަށުގެ ބަނދަރު ތަރައްގީކޮށްފައިވަނީ އެމްޓީސީސީންނެވެ.

މި މަޝްރޫއުގެ ދަށުން 870,19 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 525,6 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 704 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެ އިތުރުން 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ގޮރޮއިންސް ޖެހުމާއި 583،2 އަކަ މީޓަރު ސަރަހައްދެއްގައި ކޮންކްރީޓު ޕޭމަންޓު ހެދުމާއި ޖެޓީއެއް ހެދުމާއި ބުރިޖު ހެދުމާއި ރޭމްޕު ހެދުމާއި ނެރު ބައްތި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން ހަނިމާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 65.15 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.